މ. ކޮޅުފުށިން ޢަލީ ޔާމީން (ވަން އޮންލައިން)
ކުރީ ސަރުކާރުގައި ރަށްރަށް ދޫކޮށްލީ އެއްވެސް ހަމައެއް ނެތި ކަމަށް ވިދާޅުވެ، އޭގެ ބައެއް މިސާލު ރައީސް ދައްކަވައިފިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް މި އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު މި ރަށަށް ވަޑައިގެން މި ރަށު ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، މި ރަށުގެ ރައްޔިތުންނަށް ރަށާއި ކައިރިން ވަޒީފާ ލިބޭނެ ގޮތް ފަހިވާން ޖެހޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ކުރީ ސަރުކާރުގައި މި ރަށާ ކައިރީގައި ރިސޯޓެއް ހެދުމަށް ދޫކުރި ނަމަވެސް އަދިވެސް އެ މަސައްކަތް ނުފެށޭ ކަމަށެވެ.
"މި ރަށުގެ ކައިރިން ރިސޯޓު ހެދުމަށް ކުރީ ދައުރުގައި އެއް ރަށުގެ ގޮތުގައި ތިން ރަށް ދީފައި އެބައޮތް. އަދި އަދަށްދާންދެންވެސް އެތަނުގައި އެއްވެސް މަސައްކަތެއް ނުކުރޭ، އެއިރު ތިބޭފުޅުންނަށް އެނގޭނެ ރަށްތައް ދޫކުރަމުންދިޔަ ގޮތް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބައެއް ރަށްރަށް ދެ މީހުންނަށްވެސް ދޫކޮށްފައި އެބަހުރި ކަމަށާއި އަދި ދޫކުރި ރަށް ނޫން އެހެން ރަށެއްގައި "އޮޅިގެން" ކަމަށް ބުނެ ރިސޯޓު ހަދާފައި ވެސް އެބަހުރި ކަމަށެވެ. އޭގެ ރަށެއް ތ އަތޮޅުގައި އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.
"މިހެން ގޮސް މިކަހަލަ އެތައް އެތައް ޖަރީމާއެއް ހިންގާފަ އެބަހުރި." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ކޮޅުފުށީ ރައްޔިތުން އެދޭ ގޮތަށް މި ރަށާއި ކައިރީގައި ރިސޯޓެއް ތަރައްގީކުރުމުގެ މަޝްރޫއެއް ހިންގަަވައިދެއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު