މ. ކޮޅުފުށިން އަލީ ޔާމީން (ވަން އޮންލައިން)
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މި ރަށަށް މިއަދު ހެނދުނު ވަޑައިގަތުމުން، މި ރަށުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސަށް މަރުހަބާ ދެންނެވުމަށް މި ރަށުގެ އެތައް ބަޔަކު ބަނދަރު ސަރަހައްދަށް ޖަމާވެފައިވެއެވެ. އަދި ރައީސަށް ދެވަނަ ދައުރެއް ދިނުމަށް ބޭނުންވާކަން ހާމަކުރާ އެކި ޝުއޫރުތައް އެ ރައްޔިތުން ފާޅުކުރަމުން ގެންދިޔައެވެ. ގިނަ ރައްޔިތުންގެ މޫނުމަތީން ފެންނަމުން ދިޔައީ އުފާވެރިކަމެވެ.
ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި، މި ރަށުގެ ފެނުގެ ނިޒާމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމަށް ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އެއަށްފަހު މި ރަށުގައި ހުންނަ މ އަތޮޅު މަދަރުސާގެ މަލްޓި ޕާޕަސް ހޯލާއި 8 ކްލާސްރޫމް އެމަނިކުފާނު ހުޅުއްވައިދެއްވާނެއެވެ.
އޭގެ ފަހުގައިި މި ރަށުގެ ބަނދަރު ސަރަހައްދުގައި ރައްޔިތުންނާ ބައްދަލުކުރައްވުމަށް ބާއްވާ ކަންމަތީ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސް ސޯލިހު މި ރަށުން ދެން ވަޑައިގަންނަވާނީ މި އަތޮޅު ނާލާފުށްޓަށެވެ.
ރައީސް ވަނީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރެއްވުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް މި ރަށަށް ވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު