އިންޑިއާގެ ސުޕަސްޓާ ރަޖްނީކާންތު ރާއްޖެ އައިސްފިއެވެ.
ރަޖްނީކާންތު ރާއްޖެ އައިސްފައިވަނީ މިއަދު މެންދުރު ސްރިލަންކަން އެއާލައިންސްގެ ފުލައިޓަކުންނެވެ.
އެ އެއާލައިނުން ވަނީ ރަޖްނީކާންތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ރޭމްޕު މަތީގައި ހުރި ފޮޓޯއެއް ޓުވީޓުކޮށްފައެވެ. ރަޖްނީކާންތާއެކު އެއާލައިންގެ ދެ ކެބިންކުރޫންވެސް އެ ފޮޓޯގައި ތިއްބެވެ. އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާކަން ކަށަވަރުވި ނަމަވެސް، އޭނާ ހުރީ ކޮން ރިސޯޓެއްގައި ކަމެއް ކަށަވަރެއް ނުވެއެވެ.
ރާއްޖެއަކީ އިންޑިއާގެ ފިލްމީ ތަރިންގެ މެދުގައި ޗުއްޓީ ހޭދަކޮށްލުމަށް މަގުބޫލު މަންޒިލެކެވެ. އެ ގައުމުގެ އެންމެ މަޝްހޫރު ގިނަ ފިލްމީ ތަރިން ކޮންމެ އަހަރަކުވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރެއެވެ.
އުމުރުން 72 އަހަރުގެ ރަޖްނީކާންތަކީ އެކްޝަން އަދި ތުރިލާ ފިލުމުތަކުން އާންމުންގެ މެދުގައި މަގުބޫލުކަން ލިބެގެން ދިޔަ ފަރާތަކެވެ.
އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ސިވާޖީ ދަ ބޮސް، ރޮބަޓް އަދި ރޮބަޓް 2.0 ހިމެނެއެވެ. މީގެ އިތުރުން ވެސް ރަޖްނީކާންތު ކުޅުނު ގިނަ ފިލްމުތަކަކީ ބްލޮކްބާސްޓާ ފިލްމުތަކެވެ.