ޗައިނާއިން އިންސާނުން ހަނދަށް ފޮނުވަން ތައްޔާރުވާން ފަށައިފިއެވެ. ޗައިނާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެގައުމުން ތައްޔާރުވަނީ 2030 ވަނަ އަހަރުގެ ކުރިން އިންސާނުން ހަނދަށް ފޮނުވުމަށެވެ.

މިދަތުރުގައި ޗައިނާއިން އަމާޒު ހިފާފައިވަނީ ހަނދުގައި ދިރާސާކުރާ ހާއްސަ ތަނެއް ގާއިމު ކުރުމަށް ކުރަން ޖެހޭކަން ކަން ބަލައި އެކަމަށް ކުރަން ޖެހޭ މަސައްކަތް ދެނެގަތުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗައިނާއިން ވަނީ ހަނދަށް އިންސާނުން ފޮނުވާ އެމިޝަނުގައި ދެ އުޅަނދެއް ފޮނުވުމަށް ނިންމާފައެވެ. އެގޮތުން އެމިޝަންގައި ފުރަތަމަ ހަނދުގެ ވަށައިގެން ދަތުރުކޮށް މައުލޫމާތު އެއްކުރަން ނިންމާފައިވެއެވެ. އެއަށްފަހު ޓީމު ހަނދަށް ތިރިކޮށް ހާއްސަ އުޅަނދެއްގައި ހަނދުގެ އެކި ހިސާބުގައި ތަހުލީލުތަކެއް ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ހަނދުގެ ބައެއް ސާމްޕަލް ދުނިޔެއަށް ގެނައުމަށް އެއްކުރުމަށް ނިންމާފައިވާކަމަށް ވެސް ބުނެފައިވެއެވެ.

ހަނދަށް އިންސާނުން ފޮނުވާ މިޝަނަށް ތައްޔާރުވާން ޗައިނާގެ ޓީމަކުން ވަނީ ހަނދަށް ދާ މީހުންނަށް ހާއްސަ ސޫޓެއް ވެސް ތައްޔާރުކުރަން ފަށާފައެވެ. އަދި ހަނދުގައި ދަތުރުކުރާ އުޅަނދާއި ހަނދަށް އުޅަނދު ފޮނުވުމަށް އެޑްވާންސް ރޮކެޓެެއް ތައްޔާރުކުރުމަށްވެސް އެ ޓީމުން ވަނީ ނިންމާފައެވެ.

ޗައިނާއިން ހަނދަށް އިންސާނުން ފޮނުވަން ނިންމި ނަމަވެސް އެ ގައުމުން ހަނދަށް ދަނީ ކިހާ މީހުންނެއްކަމެއް އަދި ބުނެފައެއްނުވެއެވެ.