ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު ސަސްޕެންޑްކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، އޭނާ ސަސްޕެންޑް ކުރަން ނިންމީ އަވަސްނިޔާގެ އަޑުއެހުމުގައި މައްސަލައެއްގައި ބަޔާންތަކުގައި ސޮއިކުރެވިފައި ނުވާތީ، އެހެން ދުވަހަކަށް ހުކުމް ކުރުމަށް ތާވަލުކުރާނެ ކަމަށް ޝަރީއަތުން ބުނެ، ހުކުމްކޮށްފައި ނުވާ ކަމާއި މައްސަލައިގެ ހުކުމް ކުރުމަށް ތާވަލު ނުކޮށް 1 އަހަރާއި 5 މަހާއި 19 ދުވަސް ހޭދަކޮށް، އެއަށްފަހު ހުކުމް ކުރުމަށް ތާވަލުކޮށް، ދައުވާ ލިބޭ ފަރާތް ރަށުގައި ނެތުމުގެ ސަބަބުން ހުކުމް ކުރުމުގެ މަޖިލިސް ކެންސަލް ކުރުމަށްފަހު މައްސަލައިގެ ހުކުމް ނުކޮށް ވަނިކޮށް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދުމުން މައްސަލަ އަނބުރާ ފޮނުވައިދީފައިވާ ކަން ތަހުގީގަށް ހޯދުނު ލިޔެކިޔުންތަކާއި ބަޔާންތަކުން އެނގޭތީ ކަމަށެވެ.
އެހެންކަމުން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މި ގަޒިއްޔާގެ ހުކުމް ކޮށްފައި ނުވަނީ ރަފީއުއްދީންގެ އިހުމާލެއް އޮވެގެން ކަމަށް ސާބިތުވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
އެހެންކަމުން ރަފީއުއްދީންގެ މި އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި އެ ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 ވަނަ ނަންބަރާއި 6.2 ވަނަ ނަންބަރާއި 6.4 ވަނަ ނަންބަރާއި ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށް ނިންމައި މިއަދުން ފެށިގެން ހަތް ދުވަހަށް ސަސްޕެންޑް ކުރުމަށް އިއްޔެ ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ސަސްޕެންޑް ކުރި އިރު، ހުކުމް ކުރުން ލަސްކުރި މައްސަލައަކާ ގުޅިގެން މިދިޔަ ޖޫން މަހު އޭނާއަށް ޖޭއެސްސީން ވަނީ ނަސޭހަތް ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު