މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީގެ) ބޮޑު ހިޔާނާތުގެ މައްސަލައިގައި ހުކުމް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް މިރޭ ފުރާވަޑައިގެންފިއެވެ.
މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ އެ ޕާޓީގެ ލީޑަރު އަދީބު ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް (އެމްސީއެސް) އަދި ފުލުހުންގެ ބެލުމުގެ ދަށުން ކަމަށެވެ.
އެމްޓީޑީން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް އަދީބުގެ ބޭސްފަރުވާއަށް ހުރަސް އަޅާފައިވާ ކަމަށެވެ.
"ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުން އަދީބަށް ބޭސްފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވީތީ ޝުކުރު އަދާކުރަން،" އެމްޓީޑީން ބުންޏެވެ.
ސިޔާސީ ފިކުރަށް ބެލުމެއް ނެތި ކޮންމެ މީހަކަށް ވެސް ބޭސްފަރުވާގެ ހައްގު ލިބިދޭން ޖެހޭނެ ކަމަށް އެމްޓީޑީން ބުންޏެވެ.
ކަރެކްޝަންސް އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އަދީބު ރާއްޖޭން ބޭރަށް ފުރަން ހުއްދަ ދިނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް ކަމަށާއި ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދިނީ މެޑިކަލް ބޯޑުގެ ލަފަޔާއެކު ކަމަށެވެ.
ރާއްޖެއިން ބޭރުގައި ހުންނަވާއިރު ކަރެކްޝަންސް އާއި ފުލުހުން ގުޅިގެން މޮނިޓާ ކުރަމުންގެންދާނެ ކަމަށް ބުނެވެސް އެ ޓުވީޓު ތުރެޑުގައި ކަރެކްޝަނުން ޓުވީޓެއް ކޮށްފައިވެއެވެ. ނަމަވެސް އެ ޓުވީޓު ފަހުން ވަނީ ޑިލީޓްކޮށްލައިފައެވެ.
އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި އަދީބު، 20 އަހަރަށް ޖަލަށް ލާން ހުކުމް ކުރި ނަމަވެސް ދައުލަތާއެކު ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އޭނާ ހުންނަވަނީ ގޭ ބަންދުގައެވެ.
ގޭ ބަންދުގައި ހުންނަވަނިކޮށް، މިދިޔަ ބުދަ ދުވަހު ހާލު ދެރަވެގެން އަދީބު އައިޖީއެމްއެޗްގައި އެޑްމިޓް ކުރި އިރު، މިދިޔަ އާދީއްތަ ދުވަހު އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު