ރާއްޖެ އާއި އިންޑިއާއާ ދެމެދު ނުވަ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު މިއަދު ސޮއި ކުރެވުނު އެއްބަސްވުންތަކަކީ ދެގައުމުގެ ދެމެދުގައި ހައި އިމްޕެކްޓް ޑިވެލޮޕްމެންޓް މަޝްރޫއުތަކުގެ ދެވަނަ ފިޔަވަހީގެ ދަށުން ސޮއިކުރި އެއްބަސްވުންތަކެކެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރީ ފޮރިން މިނިސްޓަރު އަބުދުالله ޝާހިދު މިހާރު އިންޑިއާއަށް ކުރައްވާ ދަތުރުގެ ތެރެއިންނެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު މިއަދު ސޮއިކުރި އެއް އެއްބަސްވުމަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ރ. އުނގޫފާރު ހޮސްޕިޓަލުގައި މެންޓަލް ހެލްތު ޔުނިޓް ގާއިމުކުރުމާ ބެހޭ އެއްބަސްވުމެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި މެންޓަލް ހެލްތު ޔުނިޓުގެ ސަބަބުން ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފަހިވެގެންދާނެ ކަމަށެވެ.

ދެވަނަ އެއްބަސްވުމަކަށް މިއަދު ސޮއިކުރީ މ. ދިއްގަރުގައި ގޭދޮށު މަސް ފެކްޓްރީ ގާއިމުކުރުމާ ބެހޭ އެއްބަސްވުމެވެ. މިނިސްޓަރު ވިދާޅުވީ ގޭދޮށު މަސް ޕްލާންޓަކީ ސަރުކާރުން ވަރަށް އިސްކަންދޭ މަޝްރޫއެއް ކަމަށާއި މި މަޝްރޫއުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ބާނާ މަސް އެކި ބާވަތުގެ ތައްޔާރީ ކާނާގެ ގޮތުގައި ބާޒާރަށް ނެރުމަށް ރައްޔިތުންނަށް ދިމާވާ ގިނަ މައްސަލަތަކެއް ހައްލުވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ފ. ނިލަންދޫ ހޮސްޕިޓަލް އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައިވެސް މިއަދު ވަނީ ސޮއިކޮށްފައެވެ. ޝާހިދު ވިދާޅުވީ ސަރުކާރުގެ މުހިންމު މަޝްރޫއެއް ކަމަށްވާ ނިލަންދޫ ހޮސްޕިޓަލް އަޕްގްރޭޑްކުރުމާ ގުޅޭގޮތުން އިއްޑިއާއެކު ބަދަލުކުރެވުނު އެމްއޯޔޫގެ ދަށުން ހިންގޭ މަޝްރޫއަކީ މާލެއަށް ނައިސް، ޑަޔަލިސިސްގެ ހިދުމަތް ލިބޭނޭ މަގެއް ގާއިމުކުރެވިގެންދާނެ މަޝްރޫއެއް ކަމަށެވެ.

އިންޑިއާ އެކު މިއަދު ސޮއިކުރި އިތުރު އެއްބަސްވުންތަކުގެ ތެރޭގައި ށ. ފޯކައިދޫގައި އިންޑިއާގެ ހިލޭ އެހީގެ ދަށުން ގާއިމުކޮށްފައިވާ ކޮމިއުނިޓީ ސެންޓަރަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަ ކުރުމުގެ އެއްބަސްވުމާއި، އުތީމު ގަނޑުވަރުގެ ފުރާޅު ރައްކާތެރި ކުރުމަށާއި އެ ސަރަހައްދު ތަރައްގީކުރުމުގެ އެއްބަސްވުމާއި، ގއ. ކޮނޑޭ މަގު ބައްތި ޖެހުމުގެ މަޝްރޫއު ހިންގުމުގެ އެއްބަސްވުންވެސް ހިމެނެއެވެ.

އޭގެ އިތުރުން އިންޑިއާގެ ހިލޭ އެހީގައި ތ. ވިލުފުށީ ސުކޫލުގައި ޑިޖިޓަލައިޒޭޝަން ޕްރޮގްރާމެއް ހިންގުމާއި، ސަރުކާރު ސުކޫލުތަކުގެ ކޮމްޕިއުޓާ ލެބްތައް އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމާއި ށ. ކަނޑިތީމުގައި ވޮލީ ކޯޓެއް ގާއިމުކުރުމުގެ އެއްބަސްވުންވެސް ހިމެނެއެވެ.