އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހުކުމް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރައިވަޑައިގަތުމުގެ ހުއްދަ ދިނީ މެޑިކަލް ބޯޑުގެ ލަފަޔާ އެކު ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
ކަރެކްޝަންސް އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އަދީބު ރާއްޖޭން ބޭރަށް ފުރަން ހުއްދަ ދިނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ކަމަށާއި ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދިނީ މެޑިކަލް ބޯޑުގެ ލަފަޔާއެކު ކަމަށެވެ.
ރާއްޖެއިން ބޭރުގައި ހުންނަވާއިރު ކަރެކްޝަންސް އާއި ފުލުހުން ގުޅިގެން މޮނިޓާ ކުރަމުންގެންދާނެ ކަމަށް ބުނެވެސް އެ ޓުވީޓު ތުރެޑުގައި ކަރެކްޝަނުން ޓުވީޓެއް ކޮށްފައިވެއެވެ. ނަމަވެސް އެ ޓުވީޓު ފަހުން ވަނީ ޑިލީޓްކޮށްލައިފަ އެވެ.
އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި އަދީބު، 20 އަހަރަށް ޖަލަށް ލާން ހުކުމް ކުރި ނަމަވެސް ދައުލަތާ އެކު ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އޭނާ ހުންނަވަނީ ގޭ ބަންދުގައެވެ.
ގޭ ބަންދުގައި ހުންނަވަނިކޮށް، މިދިޔަ ބުދަ ދުވަހު ހާލު ދެރަވެގެން އަދީބު އައިޖީއެމްއެޗްގައި އެޑްމިޓް ކުރި އިރު، މިދިޔަ އާދީއްތަ ދުވަހު އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.
އެނގިފައިވާ ގޮތުގައި އަދީބު ބޭސްފަރުވާއަށް ވަޑައިގަންނަވާނީ ސިންގަޕޫރަށެވެ. އިއްޔެ އާއި މިއަދުވެސް ރާއްޖޭން ބޭރަށް ފުރަވަޑައިގަތުމުގެ މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ރާއްޖޭން ބޭރަށް ފުރައިވަޑައިގަތުމަށް ހަމަޖައްސައިފައިވާ ސީދާ ދުވަހެއް ކަރެކްޝަނަކުން ނުބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު