ގައުމީ އެއާލައިނުން ޑޮމެސްޓިކް ތިން އެއާޕޯޓަކަށް ކުރާ ޝެޑިއުލް ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.
މޯލްޑިވިއަން އިން ބުނެފައިވާ ގޮތުގައި ނ. މާފަރު އެއާޕޯޓާއި، ރ. އިފުރު އެއާޕޯޓުގެ އިތުރުން ޅ. މަޑިވަރު އެއާޕޯޓަށް އެ އެއާލައިނުން ކުރާ ޝެޑިއުލް ދަތުރުތައް އިތުރުކުރަން ވަނީ ނިންމާފަ އެވެ.
އެގޮތުން މި ތިން އެއާޕޯޓަށް ކޮންމެ ދުވަހަކު އިތުރު ފްލައިޓެއް ބާއްވަން ނިންމާފައިވާ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ. މި ބަދަލާއެކު ކޮންމެ ދުވަހަކު މަޑިވަރުން މާފަރަށް އަދި މާފަރުން މާލެއަށް ވެސް ފްލައިޓެއް އޮންނާނެ އެވެ. މިއީ މޯލްޑިވިއަން އިން ޑޮމެސްޓިކް އެއް އެއާޕޯޓުން އަނެއް އެއާޕޯޓަށް ޝެޑިއުލް ފްލައިޓުތައް ބާއްވާ ފުރަތަމަ ފަހަރެވެ. މި ބަދަލު ގެންނާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.
މޯލްޑިވިއަންގެ ފްލައިޓް ޝެޑިއުލް މިހާރު އޮތް ގޮތުން އިފުރަށް ބާއްވަނީ ދުވާލަކު ދެ ފްލައިޓެވެ. އަދި މާފަރަށާއި މަޑިވަރަށް ބާއްވަނީ ދުވާލަކު ފްލައިޓެކެވެ.
މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެގެޒެކެޓިވް، މުޝްއިލް ސޮބާހު "ވަން" އަށް މިއަދު ވިދާޅުވީ މި ތިން އެއާޕޯޓަށް ޑެއިލީ ފްލައިޓުތައް އިތުރުކުރަން ނިންމީ އެ އެއާޕޯޓުތަކަށް އޮންނަ ޑިމާންޑާ އެއްވަރަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށާއި މި ބަދަލުތަކާއެކު މަޑިވަރުން މާފަރަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ކޮންމެ ދުވަހަކު އެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެކި އެއާޕޯޓުތަކަށް ޕަސިންޖަރުންގެ ޑިމާންޑް އޮންނަވަރު އަބަދުވެސް ބަލަމުން އަންނަ ކަމަށާއި ޑިމާންޑަށް ބެލުމަށްފަހު އިތުރު އެއާޕޯޓުތަކަށްވެސް ފްލައިޓު އިތުރުކުރަންޖެހޭ ނަމަ އެކަން ކުރަމުންގެންދާނެ ކަމަށްވެސް މުޝްއިލް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު