އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހުކުމް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފިއެވެ.

އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި އަދީބު، 20 އަހަރަށް ޖަލަށް ލާން ހުކުމް ކުރި ނަމަވެސް ދައުލަތާ އެކު ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އޭނާ ހުންނަވަނީ ގޭ ބަންދުގައެވެ.

ގޭ ބަންދުގައި ހުންނަވަނިކޮށް، މިދިޔަ ބުދަ ދުވަހު ހާލު ދެރަވެގެން އަދީބު އައިޖީއެމްއެޗްގައި އެޑްމިޓް ކުރި އިރު، މިދިޔަ އާދީއްތަ ދުވަހު އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، އަދީބު ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ކަރެކްޝަނުން ވަނީ ދީފައެވެ. އަދި އެކަން ކަރެކްޝަންސް އިން ވަނީ އިމިގްރޭޝަނަށްވެސް އަންގައިފައެވެ. ނަމަވެސް އެ ހުއްދަ ދިން ސީދާ ތާރީހެއް ނޭނގެއެވެ.

އެނގިފައިވާ ގޮތުގައި އަދީބު ބޭސްފަރުވާއަށް ވަޑައިގަންނަވާނީ ސިންގަޕޫރަށެވެ. އިއްޔެ އާއި މިއަދުވެސް ރާއްޖޭން ބޭރަށް ފުރަވަޑައިގަތުމުގެ މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ރާއްޖޭން ބޭރަށް ފުރައިވަޑައިގަތުމަށް ހަމަޖައްސައިފައިވާ ސީދާ ދުވަހެއް ކަރެކްޝަނަކުން ނުބުނެއެވެ.