ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް ފަސޭހަކަމާއެކު، ޑިޖިޓަލްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ހެދި ޕްލެޓްފޯމް، "ވަންގަވް"، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިފުތިތާހު ކޮށްދެއްވައިފިއެވެ.

މި ޕްލެޓްފޯމް އިފުތިތާހުކުރީ އެކަމަށްޓަކައި ސަލްޓަން ޕާކުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވަންގަވްއަކީ ސަރުކާރުގެ މުއައްސަސާތަކުން އާއްމުންނަށް ފޯރުކޮށް ދޭ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، ފަސޭހައިން ހިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދީ ސަރުކާރުގެ ހިދުމަތްތައް އަވަސްކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހެދި ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގެ މަސައްކަތް ކުރިއަށް ގެންދަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން، ޓްރޭޑްނެޓް ކޯޕަރޭޝަން މެދުވެރިކޮށެވެ.

ޓްރޭޑްނެޓުން މައުލޫމާތު ދޭ ގޮތުގައި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ވަންގަވް ޕްލެޓްފޯމް މެދުވެރިކޮށް ސަރުކާރުގެ މުއައްސަސާއަކުން ބޭނުންވާ ހިދުމަތްތަކަށް ފަސޭހަކަމާ އެކު ހުށަހެޅޭނެއެވެ. އެއާ އެކު ކިއުގައި ޖެހިގެން ހިދުމަތް ހޯދުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި، ހިދުމަތްތަށް ފޯރުކޮށްދިނުން އަވަސްވެގެންދާނެއެވެ. އަދި އެ ޕްލެޓްފޯމާއެކު ސަރުކާރުގެ ހިދުމަތްތަކަށް ބަންދު ގަޑިތަކުގައިވެސް އެދެވޭނެއެވެ.

ވަންގަވްއަށް ލޮގިން ކުރެވެނީ "އީފާސް" މެދުވެރިކޮށެވެ. މިއަދު ވަންގަވް އިފުތިތާހު ކޮށްފައިވަނީ ސަރުކާރުގެ ފަސް އިދާރާއެއްގެ ހިދުމަތްތައް ހިމަނައިގެންނެވެ. އެއީ ޕްލޭނިން މިނިސްޓްރީ، އެޗްޕީއޭ، ޓޫރިޒަމް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ އަދި ފުވައްމުލައް ސިޓީ ކައުންސިލެވެ. އެ ޕްލެޓްފޯމުގެ ހިދުމަތް ފުޅާކޮށް ކުރިއަށް އޮތްތަނުގައި ސަރުކާރުގެ ހުރިހާ އިދާރާތައް މީގެ ތެރޭގައި ހިމެނިގެންދާނެ ކަމަށް ޓްރޭޑްނެޓުން ބުންޏެވެ.

ވަންގަވްގެ ހިދުމަތްތައް ހޯދުމުގައި އެހީތެރިކަމަށް ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަޕޯޓް ސެންޓަރުތަކެއް ރާއްޖޭގެ ތިން ސަރަހައްދެއްގައި ވަނީ ގާއިމްކޮށްފަ އެވެ. އެގޮތުން އެތަންތަނަށް ގޮސްގެންނާއި ކޯލް ސެންޓަރު މެދުރިކޮށް އަދި އޮންލައިންކޮށް އެހީތެރިކަން ހޯދޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.