ރައްޔިތުންގެ މަޖިލީހުގެ ކަންކަމަށް ސިފައިންގެ އެހީތެރިކަމަށް އެދުމަކީ ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ބެހުމެއް އޮތް ކަމެއްނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ރައްދު ދެއްވައިފިއެވެ.

ރައީސް ނަޝީދު ރައީސް ސޯލިހަށް ރައްދު ދެއްވާފައި މި ވަނީ، ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވާ ގޮތަށް މިހާރު މަޖިލިސް ހިންގެވޭނެ ކަމަށާއި ސިފައިން ވަދެ މަޖިލިސް ނުހުއްޓުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް ސޯލިހުގެ "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ފެށުމަށް ށ. ފޯކައިދޫގައި އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އަނިޔާވެރިކަމާ ރައްޔިތުންނަށް ކުރިމަތިލާން ޖެހުނު ކަމަށެވެ. އެ ވެރިކަމުގައި ސިޔާސީ ވެރިންނާއި ނޫސްވެރިންނާއި ފަނޑިޔާރުން އަދި ރައްޔިތުންގެ މަޖިލިސް މެންބަރުން ވެސް އަނިޔާވެރިކަމާ ކުރިމަތިލާން ޖެހުނު ކަމަށް ވިދާޅުވިއެވެ.

"ސިޔާސީ ލީޑަރުން މިނިވަންކަމާއެކު އެބަ ހަރަކާތްތެރިވޭ. ރައްޔިތުންގެ މަޖިލިސް ވެސް، އެ މަޖިލީހުގެ ރައީސް ބޭނުންފުޅު ގޮތަކަށް ހިންގަވަމުން އެބަ ގެންދަވާ. ސިފައިން ވަދެ ނުހުއްޓުވާ. ނޫސްވެރިންގެ ގަލަމުގައި ދޯރި ޖަހާކަށް ނުޖެހޭ. ޓީވީ ޗެނަލްތައް ޖޫރިމަނާއެއް ނުކުރޭ. ބަންދުކުރާކަށް ނާންގާ، އިންޒާރެއް ވެސް ނުދޭ. ރައްޔިތުން ބޭނުންވާ ހިދުމަތްތައް ވަކި ރަށެއް ތަފާތުނުކޮށް އެ ދަނީ ލިބެމުން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ވާހަކަތަކަށް ރައްދު ދެއްވައި މިއަދު ކުރެއްވި ޓުވީޓެއްގައި، ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ކަންކަމަށް ސިފައިންގެ އެހީތެރިކަމަށް އެދުމަކީ ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބެހުމެއް އޮތް ކަމެއްނޫން ކަމަށެވެ. އަދި "މަޖިލީހަށް ސިފައިން ވެއްދުމާއި ނުވެއްދުމަކީ މަޖިލިސް ގެ ރައީސްގެ އިހުތިޔާރުގައި އޮތް ކަމެއް،" ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މި ވާހަކަތަކަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނިހާދު ވަނީ ރައްދު ދެއްވައިފައެވެ. ގާނޫނު އަސާސީގެ 106 ވަ މާއްދާއަށް ހަވާލާ ދެއްވައި، ސިފައިންގެ ކޮމާންޑާ އިން ޗީފްއަކީ ރައީސުލްޖުމްހޫރިއްޔާނޫން ކަމަށް ނިންމެވީތޯ، ނިހާދު ވަނީ ރައީސް ނަޝީދާ ސުވާލު ކުރައްވައިފައެވެ.

ގާނޫނުއަސާސީގެ ހަތަރުވަނަ ބާބުން ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ކަނޑައަޅާފައިވާއިރު، ގާނޫނުއަސާސީގެ 106 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ދައުލަތުގެ އެންމެ މަތީ ވެރިޔަކީ، އަދި ސަރުކާރުގެ އެންމެ މަތީ ވެރިޔަކީ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.