ށ. އަތޮޅުގެ ތިން ރަށް ކަމަށްވާ ފީވަށް، ފޭދޫ އަދި ފޯކައިދޫގައި ފަތާ ސަރަހައްދެއް ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ.
ޕްލޭނިން މިނިސްޓްރީން އެ ދެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 16.61 މިލިއަން ރުފިޔާއަށް 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން، ފީވަކުގައި 2,500 އަކަމީޓަރުގެ ފަތާ ސަރަހައްދެއް ހެދުމަށް 97 މީޓަރުގެ ބޭރު ތޮއްޓެއްލުމާއި އަދި 50 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ފޭދޫގައި 1,620 އަކަމީޓަރުގެ ފަތާ ސަރަހައްދެއް ހެދުމަށް 62 މީޓަރުގެ ބޭރު ތޮއްޓެއްލުމާއި އަދި 50 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
އޭގެ އިތުރުން ފޯކައިދޫގައި 2,100 އަކަމީޓަރުގެ ފަތާ ސަރަހައްދެއް ހެދުމަށް 101.56 މީޓަރުގެ ބޭރު ތޮއްޓެއްލުމާއި އަދި 40 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތްކުރަން ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު