އެމެރިކާގެ ހުރިހާ ސްޓޭޓަކަށް ކުޑަ މަތިންދާ ބޯޓެއްގައި ދަތުރުކޮށް ރެކޯޑް ގާއިމް ކޮށްފިއެވެ.

އެމެރިކާގެ ޖޯން ސްކިޓޯން އާއި ބޮބް ރޭނޮލްޑްސް ވަނީ ކުޑަ މަތިންދާ ބޯޓެއްގައި އެމެރިކާގެ 48 ސްޓޭޓަކަށް 38 ގަޑިއިރާއި 13 މިނެޓުން ދަތުރުކޮށްފައެވެ. އެމެރިކާގެ ސަންފޯޑް އިން ފެށި ދަތުރުގައި ހުރިހާ ސްޓޭޓެއްގެ އެއާޕޯޓަށް ޖައްސައި އެންމެ ފަހުން ދަތުރު ނިންމާފައިވަނީ ސައުތު ބެންޑް ސްޓޭޓަށެވެ.

ގީނިސް ވޯލްޑް ރެކޯޑްސް އިން ވަނީ 38 ގަޑިއިރާއި 13 މިނެޓުން އެ ދެމީހުންގެ ދަތުރު ކާމިޔާބު ކޮށްފައިވާތީ އެއީ ރެކޯޑެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދީފައެވެ.

މީޑިއާއަށް މައުލޫމާތުދެމުން ސްކިޓޯން ވަނީ އެމީހުން ކުރި ދަތުރުތަކުގައި އެއް އެއާޕޯޓުން އަނެއް އެއާޕޯޓަށް ކުރި ދަތުރުތަކުގެ ތެރެއިން އެންމެ ކުރު ދަތުރަކީ ހަތަރު މިނެޓުގެ ދަތުރެއްކަމަށް ބުނެފައެވެ.

ސްކިޓޯން ބުނީ ދަތުރުގެ ހުރިހާކަމެއް ކޮށްފައިވަނީ ރޭވުންތެރިކަމާއި އެކުގައި ކަމަށެވެ. މިއީ އޭނާ މީގެ 15 އަހަރުގެ ކުރިން ކުރަން ރާވައިގެން ތައްޔާރުވި ކަމެއް ކަމަށް ވެސް ސްކިޓޯން ވުނެފައިވެއެވެ.