އޮޑިއްޝާ ރޭލު އެކްސިޑެންޓް ހާދިސާ ހިނގިތާ އެއް މަސްދުވަސް ފަހުން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ތާރީހުގައި މިހާތަނަށް ހިނގި ރޭލު އެކްސިޑެންޓުގެ އެންމެ ބޮޑު އެ ހާދިސާގައި ދެ ރޭލު މުޑިއަރައި 275 މީހުން ވަނީ މަރުވެފައެވެ.

އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އިން ބޮޑު ތަހުގީގެއް ފަށާފައިވާ އިރު، މިހާތަނަށް ހައްޔަރުކޮށްފައިވަނީ ރެއިލްވޭ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ ތިން މީހެކެވެ.

މިހާތަނަށް ތަހުގީގަށް އެނގިފައިވާ ގޮތުން އެ ހާދިސާ ހިނގަން މެދުވެރިވީ ރޭލު ދަގަނޑުގެ އިލެކްޓްރިކް އިންޓަލޮކިން ސިސްޓަމަށް އައި ބަދަލެއްގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

އޮފިޝަލުން މައުލޫމާތުދޭ ގޮތުގައި އެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން 52 މީހެއްގެ ހަށިގަނޑު އަދިވެސް އޮތީ މޯޗަރީގައެވެ. އެމީހުންނަށް ލިބުނު އަނިޔާތަކުގެ ސަބަބުން އެއީ ކޮން ބައެއްކަން އަދިވެސް ދެނެގަނެވިފައެއް ނުވެއެވެ. ބައެއް އާއިލާތަކުން ދަނީ އަދިވެސް އެ މީހުންގެ އާއިލާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންވެ، މީހުން ދެނެގަތުމަށް ޑީއެންއޭ ހެދުމުގެ މަސައްކަތް އިންޑިއާގެ އޮފިޝަލުން ދަނީ ކުރަމުންނެވެ.