ރާއްޖޭގައި މިއަހަރު ބާއްވާ ހަތްވަނަ ބައިނަލްއަގުވާމީ މުބާރާތް، އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2023 މިއަދު ކ. ތުލުސްދޫގައި ރަސްމީކޮށް ފަށައިފިއެވެ.

މިއަދު ތުލުސްދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މުބާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. މިއަދުގެ އިވެންޓުގައި ރައީސްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އަދި ސާފިން އެސޯސިއޭޝަނުގެ އިސް ވެރިންނާއި އޭޝިއަން ސާފިން ފެޑަރޭޝަންގެ ރައީސް އަދި މުބާރާތުގައި ބައިވެރިވި ގައުމުތަކުގެ އިސް ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަންގެ އޭޝިއަން ސާފިން ފެޑެރޭޝަން އަދި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓާއި މޯލްޑިވްސް ސާފިން އެސޯސިއޭޝަން ގުޅިގެން ރާއްޖޭގައި ބާއްވާ މުބާރާތް ކުރިއަށްދާނީ، މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ.

މުބާރާތް ހުޅުއްވައިދެއްވައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، މި މުބާރާތް ހުޅުވައިދެއްވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއްކަން ފާހަގަކުރައްވައި، މުބާރާތުގައި ބައިވެރިވާ އެތުލީޓުންނަށް ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އޭޝިއަން ފެޑެރޭޝަންގެ ފަރާތުން ވަނީ ރައީސަށް ހާއްސަ ހަނދާނީ ފިލައެއް އަރުވައިފައެވެ. މީގެ އިތުރުން ރަސްމިއްޔާތުގެ ތެރެއިން، ކުރިއަށްގެންދިޔަ "ސޭންޑް ސެރަމަނީ" ހަރަކާތުގައި، މުބާރާތުގައި ބައިވެރިވާ ގައުމުތަކުގެ އެތުލީޓުން ވަނީ ބައިވެރިވެފައެވެ. ސޭންޑް ސެރަމަނީ ހަރަކާތް ރަމްޒުކޮށްދެނީ، އެތުލީޓުން ތަފާތު ސަގާފަތްތަކާއި އާދަކާދަތަކަށް ނިސްބަތްވި ނަމަވެސް، އެތުލީޓުންގެ މެދުގައި އޮންނަ ކުޅިވަރުގެ ރޫހާއި އެއްބައިވަންތަކަމެވެ. މިއަދު މުބާރާތުގައި ބައިވެރިވާ 18 ގައުމެއްގެ އެކިއެކި ބީޗުތަކުން ވެލި ގެނެސް، ހާއްސަ ކޮންޓެއިނަރަކަށް ވަނީ އަޅައިފައެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި އޭޝިއާގެ ވަރުގަދަ ސާފަރުން ފެނިގެންދާ އިރު، ރާއްޖޭގެ އެތުލީޓުންވެސް ފެނިގެންދާނެއެވެ.