ރާއްޖޭގައި ބާއްވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މޯލްޑިވްސް 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މިއަދުން ފެށިގެން މިމަހުގެ 17ގެ ނިޔަލަށް ކ. ތުލުސްދޫގައި ބާއްވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި އޭޝިއާގެ މަޝްހޫރު ސާފަރުންނާއި ދިވެހި އެތުލީޓުންވެސް ބައިވެރިވާނެއެވެ. އެގޮތުން އެއިވެންޓުގައި 15 އަށްވުރެ ގިނަ ގައުމުތަކުން ރާޅާއެލުންތެރިން ހިމެނޭ އިރު، ރާއްޖޭގެ ހަ އެތުލީޓުން ހުރިހާ ކެޓެގަރީއެއްގައިވެސް ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މޯލްޑިވްސް 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައި، ދިރާގުގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަނެވެ. އަދި ސާފިން އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ޗެއާމަން، މުހައްމަދު ސޮބާހް (ޗޭ)އެވެ.

"އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މޯލްޑިވްސް 2023ގެ ޑިޖިޓަލް ޕާޓްނަރަށްވެ، މި ބައިނަލްއަގުވާމީ މުބާރާތް އަޅުގަނޑުމެންގެ ޖަޒީރާ ގައުމުގައި ބޭއްވުމަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ފަރާތްތަކަށް މި އިވެންޓް ގެނެސްދިނުމަށްޓަކައި އަޅުގަނޑުމެން ވާނީ ދިރާގުގެ ހައި ސްޕީޑް ޑިޖިޓަލް ކަނެކްޓިވިޓީ މެދުވެރިކޮށް އެ ފަރާތްތަކަށް ފުރިހަމައަށް ޓޯންމެންޓް ބަލައިލުމުގެ ފުރުސަތު މަގުފަހިކޮށްދީފައި،" ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ވިދާޅުވިއެވެ.

ދިރާގުގެ އެއްބާރުލުމަށް ސާފިން އެސޯސިއޭޝަންގެ ފަރާތުންވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.

"އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މޯލްޑިވްސް 2023 އެންމެ ފުރިހަމަގޮތުގައި ކުރިއަށްގެންދިއުމަށް ދިރާގުން ވެދެއްވާ ދީލަތި އެހީތެރިކަމަށް އެކުންފުންޏަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. ކޯވިޑް-19 ގެ ސަބަބުން އައި މެދުކެނޑުމަކަށްފަހު މި އިވެންޓުގެ ސަބަބުން އަނެއްކާވެސް ދިވެހި ރާޅާއެޅުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ވިދާލުމުގެ ފުރުސަތު ލިބިގެންދާނެ. އަދި މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އަޅުގަނޑުމެންގެ ދުނިޔޭގެ ފެންވަރުގެ ސާފް ބްރޭކްތައްވެސް ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެއް. އެހެންކަމުން މިކަން މަގުފަހިކޮށްދިނުމަށް ދިރާގުން ދެމުންގެންދަވާ އެއްބާރުލުމަށް ޝުކުރު ދަންނަވަން،" މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ޗެއާމަން، މުހައްމަދު ސޮބާހް (ޗޭ) ވިދާޅުވިއެވެ.

ދިރާގަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި އަދި މި ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އަބަދުވެސް އެއްބާރުލުންދެމުން އަންނަ ކުންފުންޏެކެވެ. ހާއްސަކޮށް ރާއްޖޭގައި މިފަހަކަށް އައިސް ބާއްވަމުންދާ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ދިރާގުގެ އެއްބާރުލުން ބޮޑުކަން ފާހަގަކުރެވެއެވެ.