އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރުކުރި ގޮތުން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.
އެކަމާ ގުޅިގެން އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެ މީހާ ހައްޔަރުކުރީ، ވަރަށް އަނިޔާވެރިކޮށް ކަމަށާއި އެ މީހާއަކީ ކުޑަކުއްޖަކާ އެކު ދަމުން ފޮޓޯއެއް ނެގުމަށް އެ ސަރަހައްދުގައި މަޑުކޮށްލި މީހެއް ކަމަށެވެ. އަދި ފުލުހުން އެ މީހާ ހައްޔަރުކުރީ ކުއްޖާއަށް އެއްވެސް ބެލުމެއް ނެތި ކަމަށްވެސް ބުންޏެވެ.
އިދިކޮޅުން ވަނީ އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީކުރުމަށް އެޗްއާރުސީއެމް އަށާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ގޮވާލައިފައެވެ.
ފާޑުކިޔުންތަކާ ގުޅިގެން ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ސަފަކަށް އެތުރި ތިބި ފުލުހުންނާ ދިމާލަށް އެއްޗެއް އެއްލުމުން ކަމަށެވެ. އަދި ހައްޔަރުކުރި އިރު އޭނާ ކައިރީގައި ކުޑަކުއްޖަކު ނެތް ކަމަށްވެސް ބުންޏެވެ.