ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން މަންޑޭ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އޭނާ ހައްޔަކުރީ މި މަހުގެ ހަތަރު ވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓު ދޫކޮށްލުމަށް އަމުރުކޮށްފައި ވަނިކޮށެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ ކޯޓަށް މިއަދު މެންދުރު ފަހު ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައި ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫއެވެ. ކުންފުނީގައި އޭނާގެ 95 ޕަސެންޓް ހިއްސާ އޮންނަ އިރު، މަންޑޭގެ އޮންނަނީ ފަސް ޕަސެންޓުގެ ހިއްސާއެވެ.

ހަންބޯއިން އިން ވަނީ ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން މަންޑޭ ގިނަ އަދަދެއްގެ ބަޔަކަށް ވިއްކާފައިވާތީ ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅައިފައެވެ.