އެލް ނީނޯގެ އަސަރު ފެންނަން ފަށާފައިވާ ކަމަށްބުނެ، އެކަމަށް ތައްޔާރުވުމަށް އދ. ގެ މޫސުމާ ބެހޭ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
ކުރިއަށްއޮތް މަސްތަކުގައި ދުނިޔޭގެ ހޫނުމިން ބޮޑުތަނުން އިތުރުވެ، ތިމާވެއްޓަށް އަންދާޒާ ނުކުރެވޭނެ ވަރުގެ ބޮޑެތި ބަދަލުތަކެއް އަންނާތީ ތައްޔާރީ ހާލަތެއްގައި ތިބުމަށް ގައުމުތަކުގެ ސަރުކާރުތަކަށް އދ. އިން ވަނީ ގޮވާލައިފައެވެ.
އެލް ނީނޯ އަކީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ޕެސިފިކް ކަނޑުގެ ފެނުގެ ފަށަލަ އެވަރެޖުކޮށް ހުންނަ ވަރަށްވުރެ ހޫނުވެ، އެ ހޫނުމިން ދެމިގެން ގޮސް، ދުނިޔޭގެ އެހެން ކަންކޮޅުތަކަށް ފޯރައި، ތިމާވެއްޓަށް ބޮޑު ބަދަލެއް އައުމަށް ދީފައި އިންނަ ނަމެކެވެ. އެލް ނީނޯގެ ސަބަބުން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ސީދާ ގޮތެއްގައި އަސަރުކުރާނެ ކަމަށް ބެލެވެއެވެ.
އެލް ނީނޯގެ ސަބަބުން ރާއްޖެއަށް ވެސް ދަނީ މޫސުމީ ބަދަލުތައް އަންނަމުންނެވެ. އެގޮތުން މީގެ ކުރިން ރެކޯޑު ކުރެވިފައި ނުވާވަރަށް ހޫނުމިން އިތުރުވެފައިވާކަން ވަނީ ފާހަގަވެފައެވެ.
އެލް ނީނޯގެ ސަބަބުން އަންނަ ބަދަލު ރާއްޖެއިން ފާހަގަވާން ފަށާފައިވާ އަނެއް ކަމަކީ އެކި ހިސާބުތަކުގެ ފަރުތަކުގެ މުރަކަ ހުދުވުމުގެ މައްސަލަ ފެންމަތިވެފައިވުމެވެ.
ރާއްޖޭގެ ކަނޑުގެ ދިރުންތަކާ ބެހޭ މައުލޫމާތު ފުޅާދާއިރާއެއްގައި ފޯރުކުރަމުންދާ މެރިން ޖާނަލް މޯލްޑިވްސް އިން މީގެ ކުރިން ވަނީ ގާ ހުދުވުމުގެ އަލާމާތްތައް ބ. ފުޅަދޫގެ މުރަކަ ބަގީޗާއިން ފާހަގަވެފައިވާކަން ފާހަގަކޮށްފައެވެ.
މީގެ ކުރިން ދުނިޔެއަށް އެލް ނީނޯގެ އަސަރުކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. އެ އަހަރު ދުނިޔޭގެ އެކި ހިސާބުތަކަށް މޫސުމީ ބޮޑެތި ކާރިސާތަކެއް ކުރިމަތިވެފައިވާ އިރު، ރާއްޖެއަށް ވެސް ފިނިހޫނުމިން އިތުރުވުމުގެ އިތުރުން ގާ ހުދުވުން ފާހަގަވެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ