މުވައްޒަފުންނަށް ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މެލޭޝިއާގެ ނެދަލޭންޑްސް މެރިޓައިމް ޔުނިވާސިޓީ ކޮލޭޖް (އެންއެމްޔޫސީ) އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެމްޕީއެލް ހެޑް އޮފީހުގައި މިއަދު ބޭއްްވި ރަސްމިއްޔާތުގައި އެންއެމްޔޫސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ޔުނިވާސިޓީގެ ފައުންޑާ އަދި އެގްޒެކެޓިވް ޗެއާމަން، ޑަޓޯ ކެޕްޓަން ރަޒާލީ ޔާކޯބްއެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރީ ސީއީއޯ ޝާހިދު އަލީއެވެ.
މި އެއްބަސްވުމާ ގުޅޭ ގޮތުން ޝާހިދު ވިދާޅުވީ މިއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނު އިތުރަށް ކުރިއެރުވުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށާއި މި އެއްބަސްވުމުގެ ދަށުން މައިގަނޑުކޮށް މަސައްކަތް ކުރާނީ އެ ކުންފުނީގެ މުވައްޒަފުން ތަމުރީން ކުރުމަށް ކަމަށެވެ. އެގޮތުން އެންއެމްޔޫސީގެ ފައުންޑޭޝަން ޕްރޮގްރާމްތަކުން ފެށިގެން ކޮލެޖް ޑިގްރީ އަދި މާސްޓާސް ޕްރޮގްރާމްތަކާ ހަމައަށް ތައުލީމު ހާސިލުކުރުމުގެ ފުރުސަތު އެމްޕީއެލްގެ މުވައްޒަފުންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ކޯޑް އޮޕަރޭޝަނާއި މެރިޓައިމް ދާއިރާގެ އިތުރު ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މުވައްޒަފުންނަށް ފަހިވާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
"މި އެމްއޯޔޫގެ ދަށުން އެމްޕީއެލްގެ ވަކި އަދަދެއްގެ މުވައްޒަފުން މި ޓްރެއިނިން ޕްރޮގްރާމުތަކުގައި ބައިވެރިކުރުމުގެ ފުރުސަތު ލިބިގެންދާނެ. ވަކިން ހާއްސަކޮށް މެރިޓައިމް ޔުނިވާސިޓީ އަކަށްވާތީ، ޕޯޓް އޮޕަރޭޝަންސް ފަދަ އެ ދާއިރާގެ ހާއްސަ ޕްރޮގްރާމްތައް އެބަ ހުރި. އެހެންވީމަ އަޅުގަނޑުމެންގެ މުވައްޒަފުންނަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެ." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މުވައްޒަފުން ތަމްރީންކުރުމުގެ އިތުރުން މި އެއްބަސްވުމުގެ ދަށުން އެންއެމްޔޫސީއާ ގުޅިގެން ކޮންސަލްޓަންސީ މަސައްކަތްތައްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މެރިޓައިމް ދާއިރާ އިތުރަށް ތަރައްގީކުރުމަށް ރިސާޗް މަސައްކަތް ކުރުމާ އަދި މެރިޓައިމް ސެކްޓާގެ ވިޔަފާރި ކުރިއަރުވަން ބައެއް ސްޓަޑީތައް ހެދުން ހިިމެނޭ ކަމަށާއި އޭގެ ބޭނުމަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއެރުވޭނީ ކޮންގޮތަކަށްތޯ ދިރާސާކޮށް އެ ދިރާސާތަކުގެ އަލީގައި މަސައްކަތް ކުރުން ކަމަށް ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ރާއްޖޭން ބޭރަށް ތަމްރީން ހޯދަން ފޮނުވާ އެމްޕީއެލްގެ މުވައްޒަފުންގެ ހަރަދުތައް ހަމަޖައްސާނީ އެ ކުންފުނިން ކަމަށެވެ. އަދި ރިސާޗް ޕްރޮގްރާމްތަކާއި ކިޔެވުމުގެ ފްރޮގްރާމްތަކަށް ހަރަދު ކުރާނީ ދެ ފަރާތުން ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ.
އެންއެމްޔޫސީގެ ފަރާތުން މި އެއްބަސްވުމާ ގުޅިގެން ވާހަކަދައްކަވަމުން އެންއެމްޔޫސީގެ ޗެއާމަން ރަޒަލީ ވިދާޅުވީ، މިއީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއަރުވަން ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. މިއީ ބަދަހި ގުޅުމެއްގެ ފެށުން ކަމަށާއި މި އެއްބަސްވުމުގެ ދަށުން އެމްޕީއެލްގެ މުވައްޒަފުންނަށް ތައުލީމުގެ އިތުރުނ،ް މަސައްކަތާ ގުޅޭ އަމަލީ ތަޖުރިބާ ވެސް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު