ތިމާވެއްޓަށް ގެއްލުންދިނުމުގެ ސަބަބުން ބްރެޒިލްގެ ތަރި ނޭމާ ޖޫރިމަނާކޮށްފިއެވެ.

ބްރެޒިލްގެ ތިމާވެށްޓާ ބެހޭ އިދާރާއިން ނޭމާ 3.5 މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ބްރެޒިލްގެ އިރުދެކުނުގެ އައްސޭރިފަށުގައި އޭނާ ހަދަމުންދާ ގެ ހެދުމުގެ ކުރިން ރަސްމީ ގޮތުން ހޯދަންޖެހޭ ހުއްދަތައް ނުހޯދައި، ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ގިނަ ކަންކަން ކުރަމުން ދިއުމުންނެވެ.

އެގޮތުން އެ ހެދުމަށް އެ ސަރަހައްދުގެ އާޓިފިޝަލް ކޯރެއް ހެދުމަށް މީރުފެން ދައުރުވާ ނިޒާމާއި ހިލައާއި ވެލި ނަގާފައިވާއިރު، އެކަން ކޮށްފައިވަނީ ގަވާއިދުތަކާ ހިލާފަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ މައްސަލަ ބްރެޒިލްގެ ތިމާވެށްޓާ ބެހޭ އިދާރާއަށް ހުށަހެޅީ ގެ ހަދަމުންދާ އަވަށުންނެވެ.

ޖޫރިމަނާއާ ގުޅޭ ގޮތުން ނޭމާވެސް އަދި އޭނާގެ ތަރުޖަމާނުވެސް ވާހަކަދައްކާފައެއް ނުވެއެވެ.