ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިހާބު، އެ މަގާމުން މިއަދު އިސްތިއުފާދެއްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "ވަން" އަށް މިރޭ ވަނީ ޝިހާބު އިސްތިއުފާދެއްވިކަން ކަށަވަރުކޮށްދެއްވައިފައެވެ.
"އާދެ، ޝިހާބު ވަނީ މިއަދު އިސްތިއުފާދެއްވައިފައި،" މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ، ޝިހާބު އިސްތިއުފާދެއްވީ ކޮން ސަބަބަކާ ގުޅިގެންކަން ދަންނަވަން ނޭނގޭ ކަމަށެވެ.
ރައީސް ސޯލިހުގެ ތަރުޖަމާނުގެ މަގާމަށް ޝިހާބު އައްޔަންކުރެއްވީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
ޝިހާބަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި، ދެ މިނިސްޓްރީއެއްގެ މިނިސްޓަރުގެ މަގާމު އަދި މާލޭ ސިޓީގެ މޭޔަރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ޝިހާބު ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރުގެ މަގާމުވެސް އަދާކުރައްވައިފައެވެ.
ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީ އުފެއްދުމުގައި ޝިހާބު ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. ޝިހާބަކީ އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދަށް ތާއިދުކުރައްވާ ބޭފުޅެކެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް ޝިހާބު ތާއިދުކުރެއްވީ ނަޝީދަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު