ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ ބޭފުޅުން އިސްވެ ތިބެ، އުފައްދަން މަސައްކަތްކުރާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް، ބާއްވަންޖެހޭ ޖަލްސާ އަންނަ ބުދަ ދުވަހުގެ ރޭ ބާއްވަން ހަމަޖައްސައިފިއެވެ.
ޑިމޮކްރެޓްސް އުފެއްދުމަށް، ގާނޫނުގައި ބުނާ 3،000 މެންބަރުންގެ ސޮއި ހަމަކުރުމަށް ތިން މަސް ދުވަސް އިލެކްޝަނުން ދިނެވެ. އެ އަދަދަށް މެންބަރުން ހަމަކޮށް "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރަން 3560 ފޯމް އީސީއަށް ހުށަހެޅީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ.
އެ ފޯމުތައް ޕްރޮސެސްކޮށް، އީސީން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވަނީ ޑިމޮކްރެޓްސް ރަޖިސްޓަރީކުރުމުގެ ހުއްދަ ނުދޭން ނިންމައިފައެވެ. އެގޮތަށް ނިންމީ، އެ ޖަލްސާގައި ބައިވެރިވި ދެ މެންބަރަކު ޑިމޮކްރެޓްސް ރަޖިސްޓަރީކުރަން ވޯޓު ނުދިނުމުންނެެވެ. އޭގެ ފަހުންވެސް ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރިއެވެ. ނަމަވެސް ކޯރަމް ހަމަނުވެގެން އެ ޖަލްސާވެސް ނުބޭއްވުނެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު "ވަން" އަށް މިއަދު ވިދާޅުވީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ، އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގެންނެވި، ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފަށް އެ ކޮމިޝަނުން މިއަދު ދީފައިވާ ކަމަށެވެ.
ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދިނުމުން ޑިމޮކްރެޓްސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ، ޕާޓީ އުފެއްދުމުގެ ޖަލްސާ އަންނަ ބުދަ ދުވަހުގެ ރޭ 8:30 ގައި ގިޔާސުއްދީން ސްކޫލުގެ ހޯލުގައި އޮންނާނެ ކަމަށެވެ. އެ ޖަލްސާގައި މަދުވެގެން 300 މެންބަރުން ބައިވެރިވާނެ ކަމަށް ހަސަން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އިލެކްޝަންސް ކޮމިޝަނަށް އެއްވެސް ޝަކުވާއެއް ނުކުރެވޭނެ ގޮތަށް ޖަލްސާ ބާއްވަން ގާނޫނުގައި ބުނާ ކަންކަން ފުރިހަމަ ކުރުމަށް،" ހަސަން ވިދާޅުވިއެވެ.
ހަސަން އިތުރަށް ވިދާޅުވީ، އެ ޖަލްސާގައި ޕާޓީގެ ނަމާއި ކުލައާއި އަސާސީ ގަވައިދާއި އެ ނޫންވެސް ކަންކަން ފާސްކުރާނެ ކަމަށެވެ.
"ދަ ޑިމޮކްރެޓްސް" އިން ވަނީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެކަން އިއުލާންކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު