ފުކުޝީމާއިން ނިއުކްލިއާ ފެން ކަނޑަށް އެޅުމުގެ ކުރިން ދެކުނު ކޮރެއާ ރައްޔިތުން ތައްޔާރުވާން ފަށައިފިއެވެ.

ޖަޕާނަށް 2011 ވަނަ އަހަރު އައި ބާރުގަދަ ބިން ހެލުމާއެކު އެގައުމުގެ ނިއުކްލިއާ ޕަވާ ޕްލާންޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ގެއްލުންތަކުގެ ސަބަބުން އެ ޕްލާންޓުގެ ނިއުކްލިއާ ރިއެކްޓަރުތައް ފިނިކުރުމަށް އެގައުމުން ވަނީ ފެން ބޭނުންކޮށްފައެވެ.

ޖަޕާނުން ވަނީ ފުކުޝީމާ ނިއުކްލިއާ ޕްލާންޓުގައި ބޭނުންކުރި މިލިއަނަކަށްވުރެ ގިނަ މެޓްރިކް ޓަނުގެ ފެން، ޕެސިފިކް ކަނޑަށް އަޅާލުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެފައެވެ. ނަމަވެސް ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން އެކަން ކުރާނެ ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.

ޖަޕާނުން އުކާލުމަށް ތައްޔާރުވެފައިވާ ފެނަކީ އޭގެން އެއްވެސް ނުރައްކަލެއް ނެތް ފެނެއް ކަމަށް ބުނި ނަމަވެސް، އެ ހިސާބުގެ މަސްވެރިންނާއި އާންމުން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަވައްޓެރި ދެކުނު ކޮރެއާއިން ވެސް ވަނީ އެގައުމުގެ ރައްޔިތުން އެކަމަށް ތައްޔާރުވުމަށް ގޮވާލައިފައެވެ. އެގޮތުން ކޮރެއާގެ ރައްޔިތުން ވަނީ އެމީހުން އާންމުކޮށް ބޭނުންކުރާ ލޮނުގެ ބާވަތްތައް ގަނޑުކޮށް ގަނެ، ގުދަން ކުރަން ފަށައިފައެވެ. އެއާއެކު އެ ބާވާތްތަކުގެ އަގު 27 އިންސައްތައަށް ވަނީ އިތުރުވެފައެވެ.

ޗައިނާއިން ވެސް ވަނީ ޖަޕާނުން ތައްޔާރުވަމުންދާ މަސައްކަތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެކަމުގެ ސަބަބުން މޫދުގެ ބައެއް ދިރުންތަކަށް އަސަރުކޮށްފާނެ ކަމަށް ބެލެވޭ ކަމަށް ޗައިނާއިން ބުނެއެވެ.