ދުލުގެއާފާތްތަކުގެ ތެރޭގައި ދޮގު ހެކި ދިނުމާއި ދޮގު ހުވާ ކުރުން ހިމެނޭ ކަމަށާއި ﷲ ގެ ހަޒުރަތުން އެމީހަކަށް ލިބިފައިވާ ހެކި ވަންހަނާކޮށްފި މީހަކަށްވުރެ އަނިޔާވެރިކަން ބޮޑު މީހަކު ނުވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ދުލުގެ އަފާތްތައް" މި މައުލޫއަށް އަމާޒުކޮށްފައިވާ މިއަދުގެ ހުކުރު ހުތުބާގައި ބުނެފައި ވަނީ، ދޮގުހެކި ދިނުމުން ފޫނުބެއްދޭ ފަދަ ބޮޑެތި ގެއްލުންތައް ލިބޭ ކަމަށެވެ.

"އެކަންތައްތަކުގެ ތެރޭގައި ގާޒީއަށް ހައްގު އޮޅި، ބާތިލަކީ ހައްގު ކަމުގައި ހީވުމާއި ކުށެއް ނެތް މީހުންނަށް ހައްގަކާ ނުލައި އަނިޔާ ލިބުން ހިމެނޭ،" އޭގެ އިތުރުން އޭގެ ސަބަބުން މާތް ﷲގެ ހުރުމަތްތަކަށް އަރައިގަނެވި، ދީނާ މެދު ހައްގު ނޫން ބަސްތައް ބުނެވޭ ކަމަށްވެސް ހުތުބާގައިވެއެވެ.

ދުލުގެ އާފާތްތަކުން ރައްކާތެރިވުމަށް ބާރު އަޅުއްވައި، ހަސަދަވެރިނުވުމަށާއި ތިބާގެ އަހާގެ ވިޔަފާރިއަށް ގެއްލުންވާގޮތަށް ވިޔަފާރި ނުކުރުމަށާއި އަދި މާތް ﷲ އަށްޓަކައި ތިޔަބައި މީހުން އަހުންތަކެއް ކަމުގައިވުމަށް ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވާ ކަމަށްވެސް ހުތުބާގައިވެއެވެ.

"އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަހެކެވެ. އޭނާ އޭނާގެ އަހާއަށް އަނިޔާވެރިއެއްނުވާނެއެވެ. އަދި ދެރަކޮށް ނިކަމެތިކޮށެއްނުލާނެއެވެ.،"

މީސްމީހުންނާ ބެހޭގޮތުން ފެތުރިފައި ހުންނަ ވާހަކަތަކުގެ ހަގީގަތް ނުހޯދައި، އެމީހުން ބަދުނާމު ކުރުމުގެ ނިޔަތުގައި އެވާހަކަތައް އާއްމުކޮށް ފަތުރުގެ ނުބައިކަމުގެ މައްޗަށްވެސް ހުކުރު ހުތުބާގައި ވަނީ އަލިއަޅުވާލައިފައެވެ.

މިފަދަ ވާހަކަތައް ފަތުރާ މީހުން އެމީހުންގެ ގުނަވަންތަކުން ކުރާ އަމަލުތަކަށް ގިޔާމަތް ދުވަހުން ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި އެއިން ކޮންމެ ކަމަކާ މެދު އެ ދުވަހުން ސުވާލު ކުރެވޭނެކަން ދަންނަންޖެހޭ ކަމަށްވެސް ހުތުބާގައިވެއެވެ.

އެކަންތައްތަކުގެ ނުބައިކަން، މާތް ﷲގެ ވަހީ ބަސްފުޅުންނާއި ކީރިތި ރަސޫލާގެ ހަދީސްފުޅުތަކުގައިވާ ކަމަށް ހުތުބާގައި ބަޔާންކޮށްވައިވެއެވެ.