ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯއްޗަށް އެދުނު މީހުންގެ ތެރެއިން 10،314 މީހަކު ގޯއްޗަށް ޝަރުތު ހަމަވާ ކަމަށާއި އެ ހުރިހާ އެންމެންނަށްވެސް ގޯތި ލިބޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓް އާންމު ކުރުމަށް ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި އަސްލަމް ވިދާޅުވީ މިއަދު އިއުލާން ކުރަނީ ބިންވެރިޔާ ޕްރޮގްރާމަށް ކުރިމަތިލީ ވަގުތީ ލިސްޓެއް ކަމަށެވެ. އަދި އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓާއި ޖޮއިންޓް އެޕްލިކޭޝަންތައް ހިމެނޭހެން ޖުމުލަ 15،164 ފޯމް (23،801 މީހުން) ކަމަށާއި އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް (19،857 މީހުން) ކަމަށް އޭނާ ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށާއި ނަމަވެސް ފުރަތަމަ ބުރުގައި ދޫކުރާނީ 5،000 ގޯތި ކަމަށެވެ. އެގޮތުން ފުރަތަމަ ބުރުގައި ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު މިއަދު ގެޒެޓު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ފުރަތަމަ ބުރުގައި ދޫކުރާ 5،000 ގޯތި ލިބެނީ ޝަރުތު ހަމަވާ މީހުންގެ ތެރެއިން 10،314 މީހުންނަށް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވަނީ މި ޕްރޮގްރާމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަކަށް ގޯތި ދިނުމަށް. އެހެންނަމަވެސް މިއަދު ގެޒެޓުކުރާނީ ފުރަތަމަ އިއުލާނު ކުރި 5،000 ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ މި ޕްރޮގްރާމުގެ ދަށުން ދެވަނަ ބުރުގައި ދޫކުރާ ގޯއްޗަށް 9،544 ފަރާތެެއް ޝަރުތު ހަމަވާ ކަމަށެވެ. އެ ގޯތިތައް ދޫކުރާނީ ކޮން ތަނަކުން ކަމެއް ވިދާޅެއް ނުވެއެވެ.
ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯއްޗެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމުލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެއެވެ. މި ގޯތި ދޫކުރަން ނިންމާފައިވަނީ ހުޅުމާލެ އާއި ގުޅިފަޅުންނެވެ. އެގޮތުން 1،000 ގޯތި ދިނުމަށް ނިންމާފައިވަނީ ހުޅުމާލެ އިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު