އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ "ފިކުރެއްގެ ދިރުން" އުފައްދަން އުޅޭ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ނުދިން މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކެއް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ދަ ޑިމޮކްރެޓްސް" އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ އީސީން އެ ޕާޓީ އުފެއްދުމަށް ހުއްދަ ނުދީ ހިފަހައްޓައިފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެންގެވުމަށް ކަމަށެވެ.

"އަޅުގަނޑުމެން މިއަދުވާނެ މައްސަލައެއް ސިިވިލް ކޯޓަށް ލާފައި. އެއީ މި ހުއްދަ އިލެކްޝަން ކޮމިޝަނަށް ހިފަހައްޓައިގެން ނުތިބެވޭނެ ކަމަށް ބުނެ ސިިވލް ކޯޓުގައި މިހާރުވާނީ މައްސަލަ ހުށަހަޅާފައި،" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ރައްޔިތުންގެ ބޮޑު އާބާދީއެއް މިހާރު އީސީއަށް އިތުބާރު ނުކުރާ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ އެހެން އިދާރާތަކުން ގެންދަނީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމަށް ބޭނުންވާ 3،000 ފޯމު ހުށަހެޅުމުން އެ ފޯމުތައް ޕްރޮސެސް ކުރަން ބޭނުންވަނީ ތިން މަސް ދުވަސް ކަމަށާއި އެ މުއްދަތުގައި ޕާޓީން ހުށަހަޅާ ފޯމްތަކުގައި ގާނޫނު އަދި ގާވައިދުގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަވޭތޯ އީސީން ބަލާނެ ކަމަށެވެ.

"ދެ ހަފްތާތެރޭގައި އެބޭފުޅުން އެއޮތީ އެކަން ކޮށް ނިންމާފައި. އެހެންވީމަ ދެނެއް ތިންމަސް ހަމަވަންދެން ހުއްދަ ނުދީ ހިފެހެއްޓޭނެ ގާނޫނެއް ނޯންނާނެ. އެހެންވީމަ އެ ހުއްދަ ދިނުމަށް އަމުރުކޮށްދިނުމަށް އެދި އަޅުގަނޑުމެން ކޯޓަށް މައްސަލަ ހުށަހަޅާފައިވާނެ،" ހަސަން ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށް އީސީން ހުއްދަ ނުދޭ ކަމަށް ބުނެ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އިރު، އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު "ވަން" އަށް ވިދާޅުވީ، ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ، އަންނަ ހަފުތާގެ އާދިއްތަ ދުވަހު ދޭން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެކަން ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، މަޖިލިސް މެންބަރު ހަސަންއަށް އަންގަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް ހުއްދަ ދޭން އީސީން ނިންމާފައި މިވަނީ، އެކަމަށްޓަކައި ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސްކޮށް ނިންމާފައިވީ ނަމަވެސް އެ ހުއްދަ ދިނުމަށް އެ ކޮމިޝަނުން ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގައި މައްސަލަތަކެއް ދިމާވެގެން ހުއްދަ ނުދެވި އޮތުމަށްފަހުގައެވެ.

ޑިމޮކްރެޓްސް އުފައްދުމަށް ބޭނުންވާ 3000 މީހުން ހަމަކުރުމަށްޓަކައި، 3560 ފޯމު އީސީއަށް ހުށަހެޅުމުން އެ ފޯމުތައް ޕްރޮސެސްކޮށް، 3،000 މީހުން ހަމަވާ ކަމަށް ނިންމައި، ހުއްދަ ދިނުމަށް އީސީން ފުރަތަމަ ބޭއްވި ބައްދަލުވުމުގައި ކޮމިޝަންގެ ދެ މެންބަރުން ކަމަށްވާ އަލީ ނަޝާތާއި މުހައްމަދު އާސިފް ހުއްދަ ދިނުމަށް ވޯޓު ނުދީ އެ ފޯމުތައް އަލުން ޕްރޮސެސްކޮށް ދިނުމަށް އެދުނެވެ.

ދެވަނަ ފަހަރަށް ފޯމުތައް ޕްރޮސެސް ކުރުމަށްފަހު، ހުއްދަ ދިނުމަށް ބާއްވަން މަސައްކަތްކުރި ޖަލްސާ ވަނީ ބޭއްވޭ ގޮތް ނުވެފައެވެ. އެއީ ނަޝާތާއި އާސިފް އެ ޖަލްސާއަށް ވަޑައިނުގަތުމުން ކޯރަމް ހަމަނުވެގެންނެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބާއްވަން އީސީން ހުއްދަ ދޭން ނިންމާފައި މިވަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ ދަށުންނެވެ.

ސިޔާސީ ޕާޓީތަކުގެ ގަވައިދުގެ އަށް ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ޕާޓީއެއް ރަޖިސްޓްރީކޮށްދިނުމުގެ ކުރިން އެޕާޓީއަކަށް ސޮއިކޮށްފައިވާ މީހުންގެ ތެރެއިން މަދުވެގެން 300 މީހުން ބައިވެރިވާ ޖަލްސާއެއް ބާއްވަންޖެހޭނެ ކަމަށެވެ.