ޖަރުމަންގެ ބާލިންގައި މިހާރު ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖޭގެ އައިޝަތު މާނިޔާ އާދަމާއި އައިޝަތު ލައިކާ ހަސަން ރަން މެޑަލް ހޯދައިފިއެވެ.
މި މަހުގެ 17 އިން ފެށިގެން 25 ޖޫންގެ ނިޔަލަށް ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކްސްގައި އިއްޔެ މާނިޔާ ރަން މެޑަލް ހޯދީ ބެޑްމިންޓަން އިވެންޓުންނެވެ. އަދި ލައިކާ ރަން މެޑަލް ހޯދީ ލެވެލް ބީ - އެފް07 ޑިވިޝަނުގެ 100 މީޓަރު ދުވުމުންނެވެ. ބެޑްމިންޓަންގެ އަންހެން ރަން މެޑަލް ހޯދި މާނިޔާވަނީ ވޯލްޑް ގޭމްސްގެ ފައިނަލަށް ދާން ޖޯޑަންއާއި މޮންގޯލިއާގެ ކުޅުންތެރިން ބަލިކޮށްފައެވެ. ޖޯޑަންގެ ކުޅުންތެރިޔާ އަތުން މާނިޔާ މޮޅުވީ 21-10 އަދި 21-12 ގެ ނަތީޖާއަކުންނެވެ. އޭގެ އިތުރުން މޮންގޯލިއާ ކުޅުންތެރިޔާ އަތުން މާނިޔާ މޮޅުވީ 21-13 އަދި 21-15 އިންނެވެ.
ފައިނަލް މެޗު މާނިޔާ ކާމިޔާބުކުރީ ބަލްގޭރިއާގެ ތިޔަންކަ ޖޯޖީވާއާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް މާނިޔާ ގެންދިޔައީ 21-19 އަދި 21-10 އިންނެވެ.
ފުރަތަމަ ފަހަރަށް ސްޕެޝަލް އޮލިމްޕިކް ގޭމްސްގެ ބެޑްމިންޓަން އިވެންޓުގައި މިއަހަރު ރާއްޖެއިން ވާދަކުރާކުރަނީ މާނިޔާ އާއި މުހައްމަދު ރާއިފް ޝަރީފެވެ.
އިއްޔެ ލައިކާ ރަން މެޑަލް ހޯދީ ލެވެލް ބީ - އެފް07 ޑިވިޝަނުގެ 100 މީޓަރު ދުވުން 23.44 ސިކުންތުން ނިންމައިގެންނެވެ. ފައިނަލް ހީޓުގައި ރާއްޖޭގެ ޒާނާ އަލީ ޝަރީފްވެސް ދުވިއެވެ. ޒާނާ ވަނީ 100 މީޓަރު ދުވުމުން ހަތަރު ވަނަ ހޯދާފައެވެ.
ސަތޭކަ މީޓަރު ދުވުުމުން ހަތަރުވަނަ ލިބުނު ނަމަވެސް ޒާނާ ވަނީ އިއްޔެ އޮތް ލެވެލް ސީ - ޑިވިޝަން އެފްއޯ3 ކެޓަގަރީގެ 200 މީޓަރު ދުވުމުން ބްރޯންޒް މެޑަލް ހޯދާފައެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖެއިން މިހާތަނަށް ދެ ރަން މެޑައްޔާއި އެއް ބްރޯންޒް މެޑަލް ހޯދާފައިވާއިރު މީގެ ކުރިން 2019ގައި އޮތް ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްގައި ވާދަކޮށް ރާއްޖެއިން ދެ މެޑަލް ހޯދިއެވެ.
ހާއްސަ އެހީ
ހާއްސަ އެހީ
ހާއްސަ އެހީ
ހާއްސަ އެހީ