ރާއްޖޭގައި ކުރިއަށްދިޔަ ފައިވް ނޭޝަންސް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގެ ތަށި ބޫޓާނުން ހޯދައިފިއެވެ.

ރޭ އެކުވެނީ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލުގައި ބޫޓާނުން ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދީ 60-62 ޕޮއިންޓުންނެވެ. ރޭގެ މެޗުގެ ފަހު ސިކުންތުކޮޅުގައި ބޫޓާނުން ތަށި ޔަގީންކޮށްފައިވާ އިރު، އެއީ ބައިންލައަގުވާމީ ޓީމުތަކަކާ ދެކޮޅަށް ވާދަކޮށް އެޓީމުން ހޯދި ފުރަތަމަ ރަން މެޑަލްއެވެ.

މިފަހަރުގެ މުބާރާތުގައި ބޫޓާނާއި ބަންގްލަދޭޝްގެ އިތުރުން ދެން ވާދަކޮށްފައި ވަނީ ރާއްޖެ އާއި ޕާކިސްތާން އަދި ނޭޕާލެވެ. ރާއްޖެއަށް މޮޅެއް ނުހޯދި މުބާރާތް ނިންމާލަން ޖެހުނު އިރު، ބޫޓާން ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި ނޭޕާލް ބަލިކޮށްފައެވެ. ބަންގްލަދޭޝްއިން ސެމީގައި ވަނީ ޕާކިސްތާން ބަލިކޮށްފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ކުއާޓާ ނިންމާލި އިރު ބޫޓާން އޮތީ، 15-13 ޕޮއިންޓުން ލީޑުގައެވެ. ފުރަތަމަ ކުއާޓާ ދާދި ގާތްގާތުގައި ދިޔަ ނަމަވެސް ދެވަނަ ކުއާޓާގައި ބޫޓާން ތަފާތު ދެއްކިއެވެ. ދެވަނަ ކުއާޓާގައި ބޫޓާނުން 18 ޕޮއިންޓް ސްކޯކުރި އިރު ބަންގްލަދޭޝަށް ސްކޯކުރެވުނީ އެންމެ ހަ ޕޮއިންޓެވެ. އެއާއެކު ދެވަނަ ކުއާޓާ ނިމުނު އިރު ބޫޓާން ކުރީގައި އޮތީ 31-21 ޕޮއިންޓުންނެވެ.

މެޗުގެ ތިން ވަނަ ކުއާޓާގައިވެސް ބޫޓާނަށް ހުއްޓުމެއް ނާދެއެވެ. އެ ކުއާޓާގައި އެކަނިވެސް ބޫޓާނުން 22 ޕޮއިންޓް ސްކޯކޮށްފައިވާ އިރު، ބަންގްލަދޭޝްއަށް ސްކޯ ކުރެވުނީ 15 ޕޮއިންޓެވެ. ބޮޑު ލީޑެއްގައި އޮވެ ފަހު ކުއާޓާއަށް ނުކުތް ބޫޓާނަށް އުނދަގޫތަކެއް ދިމާވީވެސް ފަހުކޮޅުގައެވެ. ބަންގްލަދޭޝްއިން ކުޅުން ރަނގަޅުކޮށް، ފަހު ކުއާޓާގައި 24 ޕޮއިންޓް ސްކޯ ކުރި އިރު، ބޫޓާނަށް އެ ކުއާޓާގައި ސްކޯ ކުރެވުނީ ނުވަ ޕޮއިންޓެވެ. ބަންގްލަދޭޝްއިން ނުރައްކާކޮށް ފަހުކޮޅުގައި ފެނުނު އިރު، ފަހު ސިކުންތުކޮޅަށް ދިޔައިރުވެސް ބަންގްލަދޭޝް އޮތީ އެއް ޕޮއިންޓްގެ ލީޑެއްގައެވެ. އެއީ 60-59 ގެ ސްކޯއަކުންނެވެ. ބޫޓާނުން ތަށި ޔަގީންކުރީ އެ ސިކުންތުކޮޅުގައި ޓޫ ޕޮއިންޓާއެއް ސްކޯ ކޮށްގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ބަންގްލަދޭޝްގެ ކެޕްޓަން މިތުން ކުމާރު ބިސްވާސްއެވެ. އޭނާ ވަނީ ރޭގެ ފައިނަލުގައި 22 ޕޮއިންޓް ސްކޯކޮށް، 10 ރީބައުންޑް ފުރިހަމަ ކޮށްފައެވެ. ބޫޓާނަށް ފައިނަލުގައި އެންމެ ރަނގަޅަށް ކުޅުނީ 17 ޕޮއިންޓް ސްކޯކޮށް، އަށް ރީބައުންޑް ފުރިހަމަ ކުރި ރިންޗެން ޑޯޖީއެވެ.