ރާއްޖޭގައި ކުރިއަށްދާ މިއަހަރުގެ ބައިނަލްއަގުވާމީ ފަސްވަނަ ކުޅިވަރު މުބާރާތް، ފައިވް ނޭޝަންސް ބާސްކެޓް ބޯޅަ ޗެމްޕިއަންޝިޕްގައި ރަނގަޅު ފޯމެއްގައި ކުޅެމުން ދިޔަ ބޫޓާން ކައިރިން ބަންގްލަދޭޝް މޮޅުވެއްޖެއެވެ.

ފައިވް ނޭޝަންސް ބާސްކެޓް ބޯޅަ ޗެމްޕިއަންޝިޕް މިދިޔަ ބުދަ ދުވަހު ހަވީރު ފަށާފައިވާ އިރު، މުބާރާތުގައި ވާދަކުރަމުންދަނީ ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން ބޫޓާނާއި ޕާކިސްތާން އަދި ނޭޕާލެވެ. ބަންގްލަދޭޝްއިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 52-42 ޕޮއިންޓުން ރާއްޖެ ބަލިކޮށްފައި އޮތް އިރު، ބޫޓާނުން މިއަދުގެ މެޗަށް ނުކުތީ ފުރަތަމަ ކުޅުނު ދެމެޗުގައި ނޭޕާލާއި ރާއްޖެ ބަލިކޮށްފައި އޮވެގެންނެވެ.

ކުޅިވަރު އެކުވެނީގެ އެތެރޭ ކޯޓުގައި މިއަދު ކުޅުނު މެޗުގައި ބޫޓާނުން ބަންގްލަދޭޝް ކައިރިން ބަލިވީ 61-53 ޕޮއިންޓުންނެވެ. މިއަދުގެ މެޗުގައި ބޫޓާނަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އަށް ޕޮއިންޓް ސްކޯކޮށް، ނުވަ ރީބައުންޑް ފުރިހަމަކުރި ފުބް ޔެލްޓްޝެންއެވެ. އޭނާ ވަނީ ދެ ސްޓީލްވެސް ފުރިހަމަކޮށް ޑިފެންސްގައިވެސް ރަނގަޅު ކުޅުމެއް ދައްކައިފައެވެ.

މެޗުގެ ފުރަތަމަ ކުއާޓާ ނިމުނު އިރު، 13-13 އިން ދެޓީމު އެއްވަރުވެފައި އޮތް އިރު، ދެވަނަ ކުއާޓާގައި ބަންގްލަދޭޝް ފެނުނީ ތަފާތު މޮޅުކޮށެވެ. އެ ކުއާޓާ ނިމުނުއިރު، 28-21 އިން ބަންގްލަދޭޝް ވަނީ ލީޑު ކޮށްފައެވެ. ތިންވަނަ ކުއާޓާގައި ބޫޓާނުން ރަނގަޅަށް ކުޅެ، މެޗުން މޮޅުވާން ފޯމް ރަނގަޅުކުރިއެވެ. އެ ކުއާޓާ ނިންމާލި އިރު، 44-45 އިން ބަންގްލަދޭޝް އޮތީ އެއް ޕޮއިންޓްގެ ލީޑެއްގައެވެ.

ރަނގަޅަށް މެޗު ފެށި ބަންގްލަދޭޝްއިން ފަހު ކުއާޓާގައި މާ ބޮޑަށްވެސް ރަނގަޅަށް ފެނިގެން ގޮސްފައިވާ އިރު، އެޓީމުން ވަނީ 61-53 ޕޮއިންޓުން މެޗު ގެންގޮސްފައެވެ. މިއަދުގެ މެޗުގައި ބަންގްލަދޭޝްއަށް އެންމެ ރަނގަޅަށް ކުޅުނީ ނުވަ ޕޮއިންޓް ސްކޯކޮށް، ހަތް ރީބައުންޑް ފުރިހަމަކުރި އެމްދާދުލް ހާގީ ޕިއާޝްއެވެ. އޭނާ ވަނީ ޑިފެންސިވްލީ ރަނގަޅު މަސައްކަތްތަކެއް ކޮށް، ފަސް ބޯޅައެއް ސްޓީލްވެސް ކޮށްފައެވެ.

މުބާރާތުގައި މިރޭ 8:30 ގައި އޮންނަ މެޗުގައި ރާއްޖެ ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.