ރާއްޖޭގައި ކުރިއަށްދާ ފައިވް ނޭޝަންސް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ކުޅުނު ލީގު ބުރުގެ ފަހު މެޗުގައި ރޭ ނޭޕާލް އަތުންވެސް ބަލިވެއްޖެއެވެ.

ފަސް ޓީމާ އެކު މިމަހުގެ 14 ވަނަ ދުވަހު ފެށި މުބާރާތުގައި ރާއްޖެއިން ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައިވާ އިރު، ލީގު ބުރުގެ އެއްވަނަ ހޯދީ ނޭޕާލެވެ. ދެވަނަ މަގާމުގައި ޕާކިސްތާން ސެމީއަށް ދިޔަ އިރު، ތިން ވަނައިގައި ސެމީއަށް ދިޔައީ ދެމެޗު ކާމިޔާބުކުރި ބަންގްލަދޭޝް އެވެ. ބޫޓާނުން ހަތަރު ވަނައިގައި ސެމީއަށް ދިޔަ އިރު، އެޓީމުންވެސް ދެމެޗު ކާމިޔާބުކުރިއެވެ.

ކުޅިވަރު އެކުވެނީގެ އެތެރޭ ކޯޓުގައި ރޭ ނޭޕާލާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުން ބަލިވީ 75-68 ޕޮއިންޓުންނެވެ. މެޗުގައި ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަބްދުﷲ އަމްޒަރު މުހައްމަދެވެ. އޭނާ ވަނީ މެޗުގައި 31 ޕޮއިންޓް ސްކޯ ކޮށް، ނުވަ ރީބައުންޑް ފުރިހަމަ ކޮށްފައެވެ.

ނޭޕާލަށް މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ މަނީޝް ކޭސީއެވެ. އޭނާ ވަނީ 21 ޕޮއިންޓް ސްކޯކޮށް، ނުވަ ރީބައުންޑް ފުރިހަމަ ކޮށްފައެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިރޭ އޮންނާނެއެވެ. ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ ނޭޕާލާއި ބޫޓާނެވެ. ދެވަނަ ސެމީގައި ޕާކިސްތާން ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.