ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ، މި އަހަރުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާ މާދަމާ ބާއްވަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންވަނީ ތިން ދައުރުގެ މައްޗަށެވެ.
މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ، ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ.
ޖަލްސާތައް ބެހިފައިވާ ތިން ދައުރުގެ ތެރެއިން، ކޮންމެ ދައުރެއްގެވެސް ފުރަތަމަ ޖަލްސާ ބާއްވާނީ، އެ ދައުރެއް ފެށޭ ތާރީހާ ވިދިގެން އަންނަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހުގައެވެ. އެ ދައުރު ނިމޭ ޖަލްސާ ބާއްވާނީ، އެ ދައުރުގެ ތެރޭގައި އަންނަ އެންމެ ފަހު ބުރާސްފަތި ދުވަހުގައެވެ.
ކުރިއަށް މި އޮތް ބޮޑުއީދުގެ ޗުއްޓީ އާއެކު މި މަސް ނިމޭނެއެވެ. އެހެންކަމުން މި މަހުގެ 30 ގައި ދައުރު ނިމޭ ގޮތަށް އޮތް ނަމަވެސް ދައުރުގެ ފަހު ބުރާސްފައްޗަށް ވާނީ މާދަމާއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ އެންމެ ކަމެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެންބަރުން ތަމުސީލު ކުރާނެ ނިސްބަތަށް ގެނެވޭ ބަދަލާމެދު ބަހުސްކުރުރުމާއި އެ ބަހުސަށްފަހު މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނިވަޑައިގަންނަވާނެ ގޮތަށް އިސްލާހު ހުށަހެޅުއްވުމަށް މެންބަރުންނަށް މުއްދަތެއް ދިނުމަށްފަހު އިސްލާހު ހުށަހެޅުއްވުމަށް ފުރުސަތު ދީ، އެގޮތުން ހުށަހަޅުއްވާ އިސްލާހުތަކަށް ވޯޓަށް އެހުމާއި ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރާނެ ގޮތަކާމެދު ގޮތެއް ނިންމުން އޮންނާނީ ދެން އޮންނަ މަޖިލީހުގެ ޖަލްސާއެއްގައިކަން އިއުލާން ކުރުމެވެ.
މި މައްސަލަ ނުނިމިގެން ކޮމިޓީތައް ހުއްޓިފައިވާއިރު، މި މައްސަލަ އާމެދު އިދިކޮޅު ފަރާތްތަކާއި ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ގެންދަވަނީ އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި ޒިންމާ އަޅުވަމުންނެވެ.
އަނެއްކޮޅުން މާދަމާގެ ޖަލްސާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރިޔާސަތުން އެއްކިބާވެވަޑައިގެން، ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާ ރިޔާސަތު ހަވާލު ކުރެއްވުމަށްފަހު، ޖެހިހެޖިން ތިން ޖަލްސާއަށްފަހު ބާއްވާ ފުރަތަމަ ޖަލްސާއެވެ.
މަޖިލިސް ގަވާއިދު ބުނަނީ އެގޮތަށް، މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ފިޔަވައި، އިތުރު މެންބަރަކަށް ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ޖެހިޖެހިގެން ތިން ޖަލްސާގައި ކަމަށެވެ. އެ އަދަދު މިދިޔަ ހޯމަ ދުވަހުގެ ޖަލްސާގައި އަފީފު ވަނީ ހަމަކުރައްވައިފައެވެ.
ވޭތުވެ ދެ ދުވަހު މަޖިލިސް ޖަލްސާ ނުބޭއްވުނީ އެ ސަބަބާހުރެ، ރިޔާސަތާ ހަވާލުވާނެ ބޭފުޅަކު ނެތިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު