ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސްއިން ރާއްޖޭގައި ކުރިއަށްގެންދަން ނިންމާފައިވާ ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީ ޕްރޮޖެކްޓްގެ މާސްޓާޕްލޭނަށް އިތުރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި މަޝްރޫއު ނިންމާލެވޭނީ 2028 ވަނަ އަހަރަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

"މޯލްޑިވްސް ފްލޯޓިން ސިޓީ"ގެ ނަމުގައި ކުރިއަށްގެންދާ އެ މަޝްރޫއު ހިންގަން ފެށުމުގެ ގޮތުން ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏަށް ދީފައެވެ. އެކުންފުނީގެ ފަރާތުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ބައިސަން މޯލްޑިވްސް ކިޔާ އަމިއްލަ ކުންފުންޏަކާއެވެ. ބައިސަން ކުންފުންޏާ ހަވާލުކޮށްފައިވަނީ 5000 ފްލޯޓިން ހައުސިން ޔުނިޓް އެޅުމަށެވެ. އަދި އެ މަޝްރޫއުގެ ފުރަތަމަ ބްލޮކުގެ ގެތައް ނިންމައި މިދިޔަ ފެބްރުއަރީ މަހު ވަނީ ފަޅުގައިވެސް ބަހައްޓައިފިއެވެ.

ޑަޗް ޑޮކްލޭންޑްސް މޯލްޑިވްސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި މަޝްރޫއަށް ލިބެމުންދާ ތަރުހީބުގެ ސަބަބުން ސަރުކާރާ މަޝްވަރާ ކުރުމަށްފަހު 5،000 ފްލޯޓިން ހައުސިން ޔުނިޓަށް ވުރެ އިތުރުކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި މަޝްރޫއުގެ މާސްޓާ ޕްލޭނަށް ބަދަލުތަކެއް ގެނެސް އެޕާޓްމަންޓުތަކާއި ސްޓޫޑިއޯތައް ހިމެނޭހެން މުޅި މަޝްރޫއުގެ ޑިޒައިން މުރާޖައާކޮށް އިތުރު ޔުނިޓުތައް އަޅައި ކުރިއަށްވުރެ އަތްފޯރާ އަގުތަކެއްގައި ޔުނިޓުތައް ވިއްކުމަށް ނިންމާފައިވާ ކަމަށް އެބަޔާނުގައި ބުންޏެވެ.

އެގޮތުން ސަރުކާރުން މިހާރު ބޭނުންވަނީ ޔުނިޓެއްގެ އަގު 1.5 މިލިއަން ރުފިޔާ ނުވަތަ 100،000 ޑޮލަރަށްވުރެ ދަށުން ފެށުމަށް ކަމަށްވެސް ބުންޏެވެ. ނަމަވެސް, އާ ޕްލޭންގެ ދަށުން އިތުރުކުރާ ޔުނިޓުގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.

އެބަޔާނުގައި ބުނީ މިބަދަލުތައް ގެނައުމަށް މަޝްރޫއުގެ މާސްޓާޕްލޭން މުރާޖައާ ކުރުމާއި ޔުނިޓުތައް އަޅާ ފަޅުގައި އާ ޕްލޭނާ އެއްގޮތަށް މަޝްރޫއު ކުރިއަށްގެންދެވޭނެތޯ ބަލައި އީއައީއޭ އަށް އަލުން ހުށަހަޅާފައިވާ ކަމަށާއި މާސްޓާ ޕްލޭނަށް ގެނައި ބަދަލުތަކަށް މިހާރު ސަރުކާރުން ފުރިހަމައަށް ރުހުންވެސް ދީފައިވާ ކަމަށެވެ. އަދި އިސްލާހުކޮށްފައިވާ ޕްލޭނަށް ބޭނުންވާ ހުރިހާ ހުއްދަތަކެއް ލިބިފައިވާ ކަމަށާއި ޑަޗް ޑޮކްލޭންޑްސް އިން މިހާރު ތައްޔާރުވަމުން ދަނީ މިއަހަރު ނިމުމުގެ ކުރިން އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ކަމަށްވެސް ބުންޏެވެ.

އޭގެ އިތުރުން މަޝްރޫއު ދިގުލައިގެން ދިޔައީ މާސްޓާ ޕްލޭނަށް ގެންނަން ޖެހުނު ބަދަލުތަކުގެ ސަބަބުން ކަމަށާއި މި ބަދަލުތަކާއެކު މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ 2028 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ފްލޯޓިން ސިޓީގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ޑަޗް ޑޮކްލޭންޑްސްއާ ހަވާލުކުރީ 14 މާޗް 2021 ވަަނަ ދުވަހުއެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ 10 އަހަރަށް ބަހާލައިގެންނެވެ. ނަމަވެސް ފަހުން ފްލޯޓިން ސިޓީ ޕްރޮޖެކްޓްގެ އެގްރީމެންޓަށް ބަދަލުތަކެއް ގެނެސް, އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑެލަށް ފްލޯޓިން ސިޓީ ހަދާ ގޮތަށް އަނެއްކާ ވެސް ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑާ އެކު ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ސޮއިކޮށްފައެވެ.