ސްކޫލުތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ޑިމާންޑު އިތުރުވަމުންދާތީ، ރާއްޖޭގެ އެކި އެއާޕޯޓުތަކަށް މޯލްޑިވިއަން އިން މާދަމާ އިތުރު ފްލައިޓުތައް ބާއްވަން ނިންމައިފިއެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް، އަހުމަދު މުޝްއިލް ސޮބާހު މިއަދު "ވަން" އަށް ވިދާޅުވީ މާދަމާއިން ފެށިގެން ސްކޫލުތައް ބަންދުވާތީ ފްލައިޓުތަކުގެ ޓިކެޓަށް އޮންނަ ޑިމާންޑު އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އެހެންވެ، މި ޗުއްޓީގައި ވީހާވެސް ގިނަބަޔަކަށް ރަށްރަށަށް ދިއުމުގެ ފުރުސަތު ފަހިކުރުމުގެ ގޮތުން މާދަމާ އިތުރު ފްލައިޓުތަކެއް ބޭއްވުމަށް މޯލްޑިވިއަން އިން ޝެޑިއުލްކޮށްފައިވާ ކަމަށާއި އެ ފްލައިޓުތައް ބާއްވަނީ އެންމެ ޑިމާންޑު ބޮޑު އެއާޕޯޓުތަކަށް ކަމަށްވެސް މުޝްއިލް ވިދާޅުވިއެވެ.

އެގޮތުން އަތޮޅުތެރޭގެ 10 އެއާޕޯޓަކަށް އިތުރު ފްލައިޓެއް ބޭއްވުމަށް މޯލްޑިވިއަން އިން ވަނީ ޝެޑިއުލްކޮށްފައެވެ. އޭގެ ތެރެއިން އަށް އެއާޕޯޓަކަށް މާދަމާ އިތުރު ފްލައިޓު ޝެޑިއުލްކޮށްފައިވާއިރު، އެ އެއާޕޯޓްތަކަކީ ހޯރަފުށި، ކައްދޫ، ފުނަދޫ، މާފަރު، އިފުރު، މަޑިވަރު، މާވާރުލު އަދި ފަރެސްމާތޮޑާ އެއާޕޯޓެވެ. އަދި 24 ޖޫން ވާ ހޮނިހިރު ދުވަހު ހަނިމާދޫ އެއާޕޯޓާއި ތިމަރަފުށި އެއާޕޯޓަށްވެސް އިތުރު ފްލައިޓެއް އޮންނާނެއެވެ.

މީގެ އިތުރުންވެސް އީދު ބަންދަށް ޑޮމެސްޓިކް އިތުރު އެހެން ފްލައިޓުތައްވެސް ބާއްވަން ގައުމީ އެއާލައިނުން ވަނީ ނިންމައިފައެވެ. އަދި މި ބަންދުގައި ރާއްޖެއިން ބޭރަށް އެކި ބޭނުންތަކުގައި ދާން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް އިންޑިއާގެ ކޮޗިން އަށާއި ޓްރިވެންޑްރަމްގެ އިތުރުން ބަންގްލަދޭޝްގެ ޑާކާ އަށް ކުރާ ދަތުރުތައްވެސް މޯލްޑިވިއަން އިން ވަނީ އިތުރުކޮށްފައެވެ.

އެކެޑަމިކް ކަލަންޑަރުގައި ވާގޮތުން މި އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ނިމި އަހަރުގެ ބޮޑު ޗުއްޓީ މާދަމާ ފެށޭނެއެވެ. މިއަހަރުގެ ބޮޑު ޗުއްޓީ ވެސް ބޮޑު އީދާ ދިމާވާ އިރު ގާތްގަނޑަކަށް ދޮޅު މަހުގެ ޗުއްޓީ އެއް ލިބޭތީ މާލޭގައި ދިރިއުޅޭ ގިނަ ފަރާތްތަކުން ޗުއްޓީއަށް އަތޮޅުތަކަށް ދިއުމަށް އަންނަނީ ތައްޔާރުވަމުންނެއެވެ. އެހެންވެ، އެތެރޭގެ ދަތުރުފަތުރުގެ ނިޒާމަށް އޮންނަ ޑިމާންޑު އިންތިހާއަށް ވަނީ ބޮޑުވެފައެވެ.