މިއީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކަމަށްވުމުން ސިޔާސީ ކަންކަމަށް ވައްދަން ބަޔަކު މަސައްކަތްކުރި ނަމަވެސް، އެފަދަ ކަންކަމަށް ސިފައިން އިޖާބަނުދިނުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެދިވަޑައިގެންފިއެވެ.
ސިފައިންގެ 131 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ސުލްހަމަސަލަސްކަން ގެނެވޭނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކަމަށެވެ. ރާއްޖެއަކީ ޑިމޮކްރަސީގެ ޅަފަތުގައި އޮތް ގައުމެއްކަމަށްވުމުން މިއީ ގައުމީ ހަޔާތަށްވެސް ވަރަށް ނާޒުކު ފައްތަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރު. އިންތިހާބުގެ އަހަރަކީ އަބަދުވެސް ސިޔާސީ މީހުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހި، ސިފައިން ވެސް ސިޔާސީ ކަންކަމުގެ ތެރެއަށް ވެއްދުމަށް ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރާ ދުވަސްވަރެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖެއަށް ބޭނުންވާ ސުލްހަމަސަލަސްކަން ދެމެހެއްޓޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ލިބިގެން. އެހެންނަމަވެސް ސިފައިންނަކީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ގާނޫނުން މަނާ ކުރެވިފައިވާ ބައެއްކަން ހަނދާންކޮށް ދިނުމާއެކު، އެއްވެސް ސިފައިންގެ މީހަކު ސިޔާސީ އޮއިވަރުގައި ޖެހި، ސިޔާސީ ކަންކަމުގައި ބައިވެރިނުވުމަށް ތިޔަ ހުރިހާ ސިފައިންނަށް އަޅުގަނޑު ނަސޭހަތްތެރިވަން،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއްގައި އެއިރަކު ހުންނަ ރައީސުލްޖުމްހޫރިއްޔާ ހިތްހަމަނުޖެހޭއިރަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިފައިން ވަޒީފާއިން ވަކިކޮށް، އަދަބު ދިނުމަކީ "އެމީހެއްގެ އަމިއްލަ ފުރާނައަށްވުރެ ގައުމުގެ ސަލާމަތް އިސްކޮށް ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ތިބޭ ބަޔަކާ މެދު ވެވޭ ބޮޑު ބޭއިންސާފެއް" ކަމަށެވެ.
ސިޔާސީގޮތުން ވިސްނުން ތަފާތުވުމުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތަށް ހުރަސް އެޅުމަށް ސިފައިން ބޭނުންކުރުމާއި މަޖިލިސްގެ ތަޅުމުންނާއި ފާރުތައް މަތިން މެމްބަރުން އުކުން މިހާރު މާޒިވެފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. ހިތްހަމަނުޖެހޭ ހުކުމެއް ކުރުމުން ސިފައިން މެދުވެރިކޮށް ފަނޑިޔާރުންގެ މަސައްކަތަށް ހުރަސް އެޅުމާއި ކޯޓުތަކުގެ ހުރުމަށް ކެނޑުން މިހާރު މިވަނީ މާޒީގެ ސޮފުހާތަކަށް ވަދެގެން ގޮސްފައި ކަމަށް ވިދާޅުވިއެވެ.
"ސިޔާސީގޮތުން ވިސްނުން ތަފާތުވުމުން، ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންގެ މަސައްކަތަށް ހުރަސް އެޅުމަށް ސިފައިން ބޭނުންކޮށް، މަޖިލިސްގެ ތަޅުމުންނާއި ފާރުތައް މަތިން ސިފައިން ލައްވައި މަޖިލިސް މެމްބަރުން އުކުން މިވަނީ މާޒީވެ ގޮސްފައި. ހިތްހަމަނުޖެހޭ ހުކުމެއް ލިބުމުން ސިފައިން ބޭނުންކޮށްގެން ފަނޑިޔާރުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ކޯޓުގެ ހުރުމަތް ކެނޑުންވެސް މިވަނީ މާޒީގެ ސޮފްހާތަކަށް ވަދެގެން ގޮސްފައި،" މާރިޔާ ވިދާޅުވިއެވެ.
ސިޔާސީ ނުފޫޒުން އެއްކިބާވެ، ރޭވި ތަރުތިބުވެފައިވާ އަދި އިންސާފުވެރި އަސްކަރީ އަދުލުގެ ނިޒާމެއް އެމްއެންޑީއެފުގައި ތައާރަފުކުރިތާ މިހާރު ދެ އަހަރު ވެއްޖެ ކަމަށެވެ. އަދި ވޭތުވެދިޔަ ވެރިކަންތަކުން ސިފައިން ބޭނުންކުރީ ސިޔާސީ ބޭނުމަށް ކަމަށާއި ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސިފައިން ކޮމްޕްރޮމައިޒްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު