މިއަހަރު ބޮޑީބޯޑިން ލީގުގެ ފުރަތަމަ އިވެންޓް، ބުރުނު ޝިކާރު މިއަދު ފޯރިގަދަކޮށް ނިންމާލައިފިއެވެ.
ބުރުނު ޝިކާރު އަކީ ބޮޑީބޯޑިންގެ އެންމެ ޒަމާންވީ އެއް އިވެންޓެވެ. މިފަހަރު ކުރިއަށްދިޔައީ ބުރުނު ޝިކާރު ސީރީސްގެ ފަސްވަނަ އިވެންޓެވެ. އެ އިވެންޓަށް ބުރުނު ނަކަތުގެ ނަމުން ނަން ދީފައިވަނީ އިވެންޓް ފުރަތަމަ ބާއްވަން ފެށީ އެ ނަކަތުގައި ކަމަށްވާތީއެވެ.
މިއަހަރުގެ ބޮޑީބޯޑިން ލީގުގައި ޖުމުލަ ހަތަރު އިވެންޓެއް ކުރިއަށްގެންދަން ނިންމާފައިވެއެވެ. އެއީ ބުރުނު ޝިކާރުގެ އިތުރުން ފުވައްމުލަކުގައި ސެޕްޓެމްބަރު މަހު ބާއްވާ މުބާރާތާއި ކ. ތުލުސްދޫ އޮކްޓޯބަރު މަހު ބާއްވާ ރަންދާ ޗެލެންޖް އަދި ގައުމީ މުބާރާތް ކަމަށްވާ ބަނޑުފިއްލާ ޗެލެންޖެވެ. ބަނޑުފިއްލާ ޗެލެންޖް ވަރުނުލާ ރާޅުގަނޑުގައި އޮންނާނީ 23 ނޮވެމްބަރުން ޑިސެންބަރު މަހު އެއްވަނަ ދުވަހަށެވެ.
ބުރުނު ޝިކާރައިގެ އޯޕަން އިވެންޓްގައި މިއަހަރު 25 އެތުލީޓުން ވާދަކޮށްފައިވާ އިރު، ފައިނަލުގައި ވާދަކުރީ އެންމެފަހުގެ ޗެމްޕިއަން އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އާއި ފުވައްމުލަކުގެ އަރަމުން އަންނަ ތަރިއެއް ކަމަށްވާ އަޝްރަފް ހަސަން އަދި އާމިން އުމަރު މޫސާއާއި އަލީ ޝާމް ރާފިއުއެވެ.
ފައިނަލް ހީޓްގައި އަޝްރަފް 14.16 ގެ ސްކޯއެއް ހޯދައި ޗެމްޕިއަންކަން ހޯދި އިރު، ކުޑަ އައްޔަ ދެވަނައިގައި ނިންމާލީ 13.50 ގެ ސްކޯއަކުންނެވެ. ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދި އާމިން، އޯޕަން ބައިގެ ތިންވަނަ ހޯދީ 13.20 ގެ ސްކޯއަކުންނެވެ. ހަތަރު ވަނައަށް ދިޔަ ޝާމްއަށް ލިބުނީ 12.60 ގެ ސްކޯއެކެވެ.
ޖޫނިއާ ބައިގައި ޖުމުލަ އަށް އެތުލީޓަކު ވާދަކޮށްފައިވާ އިރު، މިދިޔަ އަހަރު ވިސިޓް މޯލްޑިވްސް ޕްރޯގެ ފައިނަލަށް ދިޔަ އާމިން ޗެމްޕިއަންކަން ޔަގީންކުރީ 10.40 ގެ ސްކޯއަކުންނެވެ. ޖޫނިއާ ކެޓަގަރީގެ ދެވަނަ ހޯދީ އެޔާން އަހުމަދެވެ. އޭނާގެ ސްކޯއަކީ 9.26 އެކެވެ. ތިންވަނަ ހޯދި މުހައްމަދު ކައިފް 8.90 ގެ ސްކޯއެއް ހޯދި އިރު، ހަތަރު ވަނަ ހޯދި މުހައްމަދު ޖަރީޝް ޖިހާދު ނިންމާލީ 6.84ގެ ސްކޯއަކާ އެކުގައެވެ.
ޑްރޮޕް ނީ ކެޓަގަރީގައި 12 އެތުލީޓުންނާ ވާދަކޮށް، ރާއްޖޭގެ ތާރިހުގައި ފެނުނު އެންމެ ކާމިޔާބު ބޮޑީބޯޑިން އެތުލީޓް ކުޑަ އައްޔަ ޗެމްޕިއަންކަން ހޯދީ 7.40 ގެ ސްކޯއަކުންނެވެ. އެ ކެޓަގަރީގެ ދެވަނަ ހޯދި ދާވޫދު ފަޒީހަށް ލިބުނީ 4.47 ގެ ސްކޯއެކެވެ. ޝާމް ތިންވަނައިގައި 4.34 ގެ ސްކޯއަކުން ނިންމާލި އިރު، ހަތަރު ވަނަ ލިބުނީ މުހައްމަދު އަޒާން އަހުމަދަށެވެ. އޭނާއަށް ލިބުނީ 1.33 ގެ ސްކޯއެކެވެ.
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)