އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމް އިވެންޓުގެ ޗެމްޕިއަންކަން އެމްޕީއެލްއާއި ރައީސް އޮފީހުން ހޯދައިފިއެވެ.

ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އެމްޕީއެލުން ހޯދީ ފައިނަލުގައި ރޭ ކަސްޓަމްސް ރެކްރިއޭޝަން ކްލަބު ބަލިކޮށްގެންނެވެ. ފައިނަލް މެޗު އެމްޕީއެލުން 2-1 ގޭމުން ކާމިޔާބު ކޮށްފައިވާ އިރު، ފުރަތަމަ ގޭމުގައި ކަސްޓަމްސްގެ ހުސައިން ފަޔާޒާއި ޔޫސުފް ޒުބެއިރުގެ ޕެއާ ވަނީ އެމްޕީއެލްގެ އަބްދުﷲ އަފީފާއި މުހައްމަދު ދުންޔާޒްގެ ޕެއާ 7-2 ފްރޭމުން ބަލިކޮށްފައެވެ.

ދެ ވަނަ ގޭމު އެމްޕީއެލްގެ މުންތަސިރާއި ސައްމާންގެ ޕެއާއިން ކާމިޔާބުކުރީ ކަސްޓަމްސްގެ އާދަމް ސޮލާހާއި ހިޝާމް މަޖީދުގެ ޕެއާ އަތުން 7-1 ފްރޭމުންނެވެ.

ތިންވަނަ ގޭމްގައި ކަސްޓަމްސްގެ އަހުސަން ހާޝިމާއި ހާމިދު ފައިސަލްގެ ޕެއާ އާއި އެމްޕީއެލްގެ އަލީ ޝާވިނާއި އިސްމާއިލް ޖީހާންގެ ޕެއާ ވާދަކޮށްފައިވާ އިރު، ފޯރިގަދަ އެ ގޭމް 5-7 ފްރޭމުން ކާމިޔާބުކުރީ ޝާވިނާއާއި ޖީހާންގެ ޕެއާއެވެ. އެ ގޭމާއެކު އެމްޕީއެލުން ތަށި ޔަގީންކުރިއެވެ.

މިފަހަރުގެ ފިރިހެން ޑިވިޝަނުގައި 27 ޓީމަކުން ވާދަކޮށްފައިވާ އިރު، އަންހެން ޑިވިޝަންގައި ފަސް ޓީމަކުން ވާދަކުރިއެވެ.

އަންހެން ޑިވިޝަންގެ ފައިނަލުގައި ރޭ ރައީސް އޮފީހުން ނުކުތީ އެއާޕޯޓްސް ކޮމްޕެނީއާ ދެކޮޅަށެވެ. އެ މެޗު 2-1 ގޭމުން ރައީސް އޮފީހުން ކާމިޔާބުކުރީ ސިންގަލްސް ތިން މެޗު ކުޅެގެންނެވެ.

ފައިނަލްގެ ފުރަތަމަ ސިންގަލްސްގައި ރައީސް އޮފީހުގެ އާމިނަތު ނަދާ ވަނީ އެއާޕޯޓްސްގެ އައިޝަތު މަލީޝާ 6-4 ފްރޭމުން ބަލިކޮށްފައެވެ. ދެވަނަ ގޭމްވެސް ރައީސް އޮފީހުން ކާމިޔާބުކޮށް ތަށި ޔަގީން ކޮށްފައިވާ އިރު، އެ ގޭމްގައި ރައީސް އޮފީހުގެ ފަގީހާ އިބްރާހިމް ވަނީ އެއާޕޯޓްސްގެ އާދިލާ އާދިލް 6-3 ފްރޭމުން ބަލިކޮށްފައެވެ. މެޗުގެ ތިންވަނަ ގޭމަށް ދިޔަ އިރު، ރައީސް އޮފީހަށް ތަށި ޔަގީންވެފައި އޮތުމުން ރައީސް އޮފީހުގެ ދީނާ އަހުމަދާއި އެއާޕޯޓްސްގެ އައިޝަތު އަލީ ވާދަކުރި މެޗު ދީނާ ނިންމީ ދޫކޮށްލާށެވެ.

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އެމްޕީއެލްގެ މުހައްމަދު ދުންޔާޒެވެ. އަދި އަންހެން ސިންގަލްސް ތަށި ހޯދީ ކަސްޓަމްސްގެ އާމިނަތު ހަލީމް (ދިލް) އެވެ.