މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލައްވާނެތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުންވެސް ކުރީގެ ރައީސް އަދި މަޖިލިސް ރައީސް އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، ވެރިކަން ކުރުމުގެ ޝައުގުވެރިކަމެއް އެމަނިކުފާނުގެ ނެތް ކަމަށާއި ޝައުގުވެރިކަން ހުންނެވީ ރައްޔިތުންނަށް ހާސްކަމެއްގެ ތެރޭގައި އުޅެން ނުޖެހޭނެ ގޮތް ހެދުމަށް ކަމަށެވެ.

"ވެރިކަމުގެ ދަހިވެތިކަމުގައި އުޅުއްވާކަށް ނުވާނެ އެއްވެސް ބޭފުޅަކު. އަބަދު އަބަދު ދެވަނަ ދައުރެއް ހޯދުމަށް، އަޅުގަނޑު ރާއްޖޭގެ ރައީސްކަންވެސް ކޮށްފިން. އެއީއެއް ނޫން ޝައުގުވެރިވާ ކަމަކީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތް ކުރުމަށް އަބަދު ވެރިކަމުގެ ލައްޒަތުގެ ތެރޭގައި އުޅޭކަށް ނުޖެހޭނެ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮންނާނެތޯ ސުވާލު ކުރުމުން ނަޝީދު ވަނީ އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވަން އިންކާރުކުރައްވައިފައެވެ.

"ވޯޓު ކަރުދާސްކޮޅުގައި ނަން އޮންނާނެތޯ ނުވަތަ ނޫންތޯ. ދެން ޖަލުގައި ނެތިއްޔާ ކޮންމެ ބޭފުޅެއްގެ ނަންވެސް، ތިބޭފުޅާގެ ނަންވެސް ބޭއްވޭނެ ކަރުދާސްކޮޅުގައި،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިސްވެ ހުންނަވައި "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީއެއް ހެދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ދައްކާނެ ކަމަށްވެސް ވަނީ ބުނެފައެވެ.