އެމްޑީޕީގައި މަޑުކުރައްވައިގެން ހުންނެވީ އެޕާޓީ އަތުލުމަށް ކަމަށާއި އެކަން އެމަނިކުފާނުގެ ފެކްޝަނުން އުފައްދަން މަސައްކަތް ކުރާ އާ ޕާޓީ، ދަ ޑިމޮކްރެޓްސްއާ އެކު ކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގައި އެމަނިކުފާނު މިހާރު ހުންނަވަނީ އެމްޑީޕީ އަލުން އަނބުރާ ހޯދުމަށް ކަމަށެވެ.

"އަޅުގަނޑު ދަންނަވައިފިން އަޅުގަނޑު އެމްޑީޕީގައި މި ހުންނަނީ އެމްޑީޕީ އަލުން އަނބުރާ އަތުލާށޭ. ދެން އަޅުގަނޑު އިރާދަކުރެއްވިއްޔާ އެކަން ކުރާނަން. އަޅުގަނޑު އެމްޑީޕީގައި މި ހުންނަނީ ހަމަ ސީދާ އެ ނިޔަތުގައި،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ޑިމޮކްރަޓުންނާއެކީގައި އެމްޑީޕީގެ ކަންކަން ނިންމަމުން ގެންދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މަޖިލީހުގެ ރައީސްކަމުންނާއި އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާދެއްވަފާނެތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ނަޝީދު ވަނީ އެމަނިކުފާނު އިސްތިއުފާދެއްވުމަކީ ގައުމަށްވެސް އަދި އެމްޑީޕީއަށްވެސް މިވަގުތު އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެފައެވެ.

ނަޝީދު އަޑީގައި ހުންނަވައިގެން ގެންދަވަނީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ޑިމޮކްރެޓްސްއިން ވަނީ މެންބަރުން ހަމަކޮށް އީސީއަށް މިހާރު ފޯމުތައް ލައިފައެވެ. ނަމަވެސް އެ ކޮމިޝަނުން އަދި އެ ޕާޓީ ރަޖިސްޓަރީކޮށް ދީފައެއް ނުވެއެވެ.