މަޖިލިސް ރައީސްކަމުން ވަކިކުރަން ދީފައިވާ 14 ދުވަހުގެ ނޯޓިސް ހަމަވުމުން މުރައިދޫގެއިން ނުކުންނަވާނެ ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މައްސަލަ ހުށަހެޅުމާ ގުޅިގެން ނޯޓިސް ދީފައިވަނީ މިމަހުގެ 12 ގައެވެ. އެ ނޯޓިސްގެ މުއްދަތު ހަމަވާނީ މިމަހުގެ 25 އަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، މުރައިދޫގެއަކީ އެމަނިކުފާނު އެއްވެސް ވަރަކަށް އުޅުއްވަން ބޭނުންފުޅުވާ ގެއެއް ނޫން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ނޯޓިސް މުއްދަތު ހަމަވާ ދުވަހު އަޅުގަނޑު މުރައިދޫގެއިން ނުކުންނާނެ. އަޅުގަނޑު މުރައިދޫގޭގައި ހުރުމަކީ އެއްގޮތަކަށްވެސް އަޅުގަނޑު ކުރާ ހިތްވާ ކަމެއް ނޫން. ހަމަ އެއްގޮތަކަށްވެސް ކުރާ ހިތްވާ ކަމެއް ނޫން. ތިބޭފުޅުންނަށް އެ ގެ އަދި ފެނިވަޑައިގެންފައި ނެތީމާ، އެ ގޭގެ އަނދިރިކަމާއި ހުންނަ ގޮތާއި ހުރިހާ ދިމާލަކުން ލައްޕާފައި ހުރި މިންވަރު،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ކެރެނީގެއަށް ބަދަލުވެވަޑައިގަތުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. އަދި މުރައިދޫގެއިން ނުކުންނެވުމަށް ފަހު ސެކިއުރިޓީ ފޯރުކޮށްދިނުމާއި ނުދިނުމާ މެދު ފަރުވާލެއް ނެތް ކަމަށް ވިދާޅުވިއެެވެ.
"އަޅުގަނޑަށް ސެކިއުރިޓީ ދޭނެތޯ ނުވަތަ ނޫންތޯ، ދެން މަރާލާފައި އޮތިއްޔާ މަރުވެފައި އޮންނާނީ. މިހާރުވެސް ކިރިޔާ އަޅުގަނޑު މި ހުރީ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މުރައިދޫގެއަށް ބަދަލުވެވަޑައިގެންފައިވަނީ 6 މެއި 2021 ގައި އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށް ފަހު ފަރުވާއަށް ޖަރުމަނުވިލާތަށް ވަޑައިގަތުމަށްފަހު އެނބުރި ވަޑައިގެންނެވެ.
ދައުލަތުގެ ތިން ބާރުގެ ވެރިންގެ ތެރެއިން މަޖިލީހުގެ ރައީސްއަށާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖައްސާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުގެ ކުރިން މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަމުން ދިޔައީ އަމިއްލަ ގެކޮޅުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު