ރާއްޖޭގެ ރިސޯޓެއްގައި ރޭޕްގެ ޝިކާރައަކަށްވި ކަމަށްބުނާ ޗައިނާގެ ފަތުރުވެރިޔާ ޒޫ ޔިޓޮން، އަނިޔާ ފެންނަ ފޮޓޯތަކަކާއެކު ރޭޕް ކުރިގޮތް ތަފްސީލުކޮށް ކިޔައިދީފިއެވެ.

އެ މައްސަލައިގައި ފުލުހުން އިއްޔެ ބުނީ، މާލެ އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިޔަކު ރޭޕް ކޮށްފައިވާ މައްސަލައެއް މި މަހުގެ ހަ ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ނަގައި ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ޓުވިޓާގައި ޒޫ ޔިޓޮން އިއްޔެ ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ކަކުލަށް ވަނީ އަނިޔާތަކެއް ލިބިފައެވެ. އޭގެ އިތުރުން އޭނާގެ މޭ މަތީގައި ވަކި އަޅާފައިވާކަމުގެ ނިޝާންތަކެއް ވެސް ފެންނަން ހުއްޓެވެ.

އެ ވާހަކަތައް ޓުވިޓާގައި ހިއްސާކުރަމުން ޒޫ ޔިޓޮން ބުނީ އޭނާ ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައީ މިމަހުގެ ހަވަނަ ދުވަހު ކަމަށާއި މިމަހުގެ ދިހަވަނަ ދުވަހު އެނބުރި ޗައިނާއަށް ފުރުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް، އިތުރަށް މަޑުކުރަން ބޭނުންވެގެން މަޑުކޮށްފައިވާ ކަމަށެވެ. އަދި ބަޓްލަރަކަށް މަސައްކަތްކުރާ އުޝާމް ނަމަކަށް ކިޔާ މީހަކާ ވަކިން ބައްދަލުކުރަން ޖެހުނީ ފޯނަށް މައްސަލައެއް ދިމާވެގެން ކަމަށެވެ.

"ހޮޓަލުން އަހަރެންނާ ހަވާލުވީ ބަޓްލަރު އުޝާމް. އަހަރެން ކޮޓަރި ބެލުމުން، އޭނާ އަހަރެންނަށް ހޮޓަލުގެ ފެސިލިޓީތަކުގެ ހުރިހާ މައުލޫމާތެއް ކިޔައިދިން. ހަމަ އެ ދުވަހު އަހަރެންގެ ފޯނަށް ފެން އެޅުމުގެ ސަބަބުން ފޯނު ހުޅުވިފައެއް ނުވޭ. ފޯނަށް ޖެހުނު މައްސަލައަކާ ގުޅިގެން އާއިލާއާ ގުޅޭނެ ގޮތެއް ނެތުމުން އެކަން ފްރަންޓް ޑެސްކަށް އެންގުމުން ފޮނުވީ އުޝާމް،" އޭނާ ކިޔައިދިނެވެ.

ޒޫ ޔިޓޮން ބުނީ އުޝާމް އައުމުން އޭނާގެ ފޯނަށް ސިމް ލައްވައި، މަންމައާ ގުޅޭ ގޮތްވި ކަމަށާއި އެއަށްފަހު އެނދުގައި އިށީނދެ އުޝާމް ވާހަކަދައްކަމުންދިޔަ ކަމަށެވެ. އަދި އުޝާމް އެކި ސުވާލުތައް ކުރަމުންދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެން ރާއްޖެއަށް އެކަނި އައީ ކީއްވެތޯއާއި ދިރިއުޅެނީ ކޮންތާކުތޯ ސުވާލުކުރި. އަހަރެން ކަންބޮޑުވީ ރޭ ކުރީ ކޮން ކަމެއްތޯ ސުވާލުކުރުމުން. އަދި އަހަރެން ރޭގައި ނިދީ ކޮޓަރީގެ ޕޫލްގެ ބޭރުގައިތޯ ވެސް ސުވާލުކުރި. އެ ހިސާބުން އަހަރެންނަށް އެނގުނީ އޭނާ އަހަރެން އުޅޭނޫޅޭ ގޮތް ބަލަމުންދިޔަ ކަން. އަދި އެއާއެކު އަހަރެން އެ މައުލޫ ބަދަލުކުރަން މަސައްކަތްކުރިން. އޭނާ އިރުކޮޅަކަށް ބޭރަށް ދިއުމަށްފަހު، ދެން އައިސްފައިވަނީ އަހަރެން މަންމަ ފޮނުވި ވީޗެޓް އަކާ ގުޅިގެން،" ޒޫ ޔިޓޮން ބުންޏެވެ.

ޒޫ ޔިޓޮން ބުނީ ދެވަނަ ފަހަރަށް އައުމަށްފަހު ޖިންސީ ގުޅުން ހިންގަން އުޝާމް މަސައްކަތްކުރަމުންދިޔަ ކަމަށާއި އެކަމަށް ދެކޮޅު ހެދުމުން ވެސް ޖިންސީ ގުނަވަންތަކުގައި އަތްލަމުންދިޔަ ކަމަށެވެ. އަދި ވަރަށް ތަފްސީލުކޮށް އެކަންކަން ހިނގައިދިޔަ ގޮތް ވެސް އޭނާ ކިޔައިދިނެވެ.

އުޝާމް ނުކުމެގެން ދިއުމާއެކު ރިސޯޓަށް އެކަން އެންގުމުން ދެ މުވައްޒަފަކު ކޮޓަރިއަށް ފޮނުވި ކަމަށާއި ހެއްކެއްގެ ގޮތުގައި، ބޭނުންކުރަން ހުރި ލެޕްޓޮޕާއި ތުވާލި އެމީހުން ގެންދިޔަ ކަމަށެވެ. އެއީ ފުލުހުންނާ ހަވާލުކުރަން ޖެހޭ އެއްޗެހިތަކެއް ކަމަށް ބުނެފައިވާނެ ކަމަށްވެސް ޒޫ ޔިޓޮން ބުންޏެވެ.

"ރިސޯޓުގެ ދެ މުވައްޒަފުން އައިސް، މަސައްކަތްކުރީ އެއްވެސް ކަމެއް ނުވާ ކަމަށް ހެދުމަށް. ފުލުހުން އައިސް، އަހަރެންގެ ބަޔާން ނެގި. އަހަރެންގެ އަނގައިން ސާމްޕާލް ވެސް ނެގި. އަދި ފުލުހުން ބުނީ ނަތީޖާ ލިބޭނީ ހަފުތާއެއް ފަހުން ކަމަށް. ނަތީޖާ އައުމުގެ ކުރިން އަހަރެން ފުރައިގެން ދިއުމަށް އެންގި. އުޝާމް ހައްޔަރުކުރާނެ ސަބަބެއް އަދި ނެތް ކަމަށް ވެސް ބުނި. އަހަރެން މެޑިކަލް ޓެސްޓެއް ވެސް ހެދިން. މުޅި ގައިގެ އެކި ތަންތަނުގައި އަނިޔާގެ ނިޝާންތައް ހުރި،" އޭނާ ކިޔައިދިނެވެ.

ޒޫ ޔިޓޮން އިތުރަށް ބުނީ ވީހާވެސް އަވަހަކަށް ރިސޯޓުން ދިއުމަށް ރިސޯޓުން އެދުނު ކަމަށާއި އެ މައްސަލައަކީ ރިސޯޓުގެ މައްސަލައެއް ނޫން ކަމަށް ރިސޯޓުން ބުނެފައިވާ ކަމަށެވެ. އަދި ރިސޯޓުން އެކަމަށް މައާފަށް އެދިފައި ނުވާއިރު، ދިއުމުގެ ކުރިން މުވައްޒަފުންތަކެއް ޓިޕްސްއަކަށް ވެސް އެދުނު ކަމަށް އޭނާ ބުންޏެވެ.

އެކަމަކީ ރިސޯޓުގައި ހިލޭ ހުންނަން ބޭނުންވެގެން ކޮށްފައިވާ ކަމެއް ކަމަށް ރިސޯޓުން ތުހުމަތުކުރި ނަމަވެސް ރިސޯޓަށް އެއްކޮށް ފައިސާ ދައްކާފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އޭނާގެ އާއިލާއަކީ އޮސްޓްރޭލިއާގައި ދިރިއުޅޭ ފުދުންތެރި އާއިލާއެއްކަން ވެސް އޭނާ ފާހަގަކުރިއެވެ.

ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި ރިސޯޓަށް ކުރާ ތުހުމަތުތަކަށް ރިސޯޓުގެ ބަހެއް ހޯދުމަށް "ވަން" އިން މިއަދު ގުޅުމުން އެދިފައިވަނީ ރިސޯޓުގެ މީޑިއާ ބޭފުޅާއަށް ގުޅުމަށެވެެ. ނަމަވެސް ރިސޯޓު މީޑިއާގެ ބޭފުޅެއްގެ ނަންބަރު ދޭން އެދުމުން ދީފައެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންނަށް ކުރާ ތުހުމަތުތަކާ ގުޅޭގޮތުން އޮޅުންފިލުވުމަށް "ވަން" އިން ފުލުހުންގެ މީޑިއާއާ ސުވާލުމުން ވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.