ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއަށް އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމިއްޖެއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، 3 ނޮވެމްބަރު 1988ގައި ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތާ ގުޅިގެން ރާއްޖޭގެ ވެރިކަން ވައްޓާލަން ދިން އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީ ހައްޔަރުކޮށް އޭރު ހުކުމް ކުރީ އޭނާ މެރުމަށެވެ. ނަމަވެސް ފަހުން ރައީސް މައުމޫން ވަނީ އޭނާގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް (25) އަހަރަށް ބަދަލުކޮށްދެއްވައިފައެވެ.
މޯލްޑިވްސް ކަރެކްޝަންސްގެ އިތުބާރު ހުރި މަސްދަރަކުން "ވަން" އަށް ކަށަވަރުކޮށްދިން ގޮތުގައި، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީއަށް ކުރި ހުކުމް ވަނީ ތަންފީޒުކޮށް ނިމިފައެވެ. ނަމަވެސް ބޭސް ފަރުވާއަށް ފޮނުވުމުން އޭނާ ފިލައިގެން އުޅުނު މައްސަލައިގައި އިއްވި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް އަދިވެސް ތަންފީޒުކުރަމުން އަންނަ ކަން އެނގިފައިވެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 16 ޖެނުއަރީ 2010 ގައި ލުތުފީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން، އޭނާ އެނބުރި ރާއްޖެ އައިސްފައި ނުވާތީ އޭރުގެ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލުޓޭޝަން ސާވިސް އިން 26 މާޗް 2012 ގައި އޭނާ ހޯދުމަށްފަހު ހުކުމް ތަންފީޒުކުރުމަށް އެ ޑިޕާޓްމަންޓާ ހަވާލުކުރުމަށް އެދި ފުލުހުންނަށް މައްސަލަ ހުށެހެޅިއެވެ.
ލުތުފީ ރާއްޖެ ގެނެސްފައިވަނީ 9 ޖުލައި 2019 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު