މީގެ 30 އަހަރު ކުރިން ހުސެއިން ރިޔާޒް ހަދާފައިވާ 1500 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) މިއަދު މުގުރާލައިފިއެވެ.

ފަޒީލް މިއަދު ރެކޯޑު މުގުރާލީ އިންޑިއާގެ އޮރިއްސާގައި މިހާރު ކުރިއަށްދާ އިންޑިއާގެ ނެޝަނަލް ސްޓޭޓް ޗެމްޕިއަންޝިޕުގައި ދުވެގެންނެވެ. ފަޒީލް 1500 މީޓަރުގެ ރޭހުގައި ދުވެ، ނިންމީ tތިން މިނެޓު 57.44 ސިކުންތުންނެވެ. ކުރިން ރެކޯޑު ހަދާފައި އޮތް ރިޔާޒް، ބަންގްލަދޭޝްގެ ޑާކާގައި 1993 ވަނަ އަހަރު އޮތް ސާފް ގޭމްސްގައި ދުވެ ރެކޯޑު ހަދާފައި އޮތީ ހަތަރު މިނެޓް 0.6 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ކަލިންގާ ސްޓޭޑިއަމްގައި ކުރިއަށްދާ އިންޑިއާ ސްޓޭޓް މުބާރާތުގައި ފަޒީލް 1500 މީޓަރު ދުވީ ޕްރިލިމިނަރީ ބުރުގައެވެ. އެ އިވެންޓްގެ ހީޓް އެކެއްގައި ދުވެ ފަޒީލް ރޭސް ނިންމީ 10 ވަނައިގައެވެ. ފަޒީލަކީ މިހާރުވެސް ރާއްޖޭގައި ހުރި އެންމެ ވަރުގަދަ އެއް ދުވުންތެރިޔާއެވެ. އޭނާ އަތުގައި 5000 މީޓަރު، ފަސް ކިލޯމީޓަރު، 10،000 މީޓަރު އަދި 10 ކިލޯމީޓަރު ރެކޯޑްވެސް އެބައޮތެވެ.