ސްރީލަންކާގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި 26 މީހަކު ހައްޔަރުކޮށްފިއެވެ.

ލަންކާގެ މުއްލައިތިވު ކަނޑުގެ ސަރަހައްދުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްވެރިކަން ކުރާ ނުވަ އުޅަނދެއް ކަނޑުގެ ސިފައިން ވަނީ ބެލުމުގެ ދަށަަށް ގެނެސްފައެވެ. ހިފަހައްޓާފައިވާ އުޅަނދުތަކުގެ ތެރެއިން ޑައިވިން ސާމާނުތަކުގެ އިތުރުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން ބޭނުންކުރާ އާލާތްތައް ވަނީ ފެނިފައެވެ.

ލަންކާގައި ޑައިވްކޮށްގެން މަސްވެރިކަން ކުރުމަށް ހާއްސަ ލައިސަންސެއް ނަގަން ޖެހެއެވެ. ލަންކާގެ ނޭވީ އިން ވަނީ މަސްވެރިކަން ކުރުމަށް އެމީހުން ރޭގަނޑު ޑައިވްކޮށްގެން މަސްވެރިކަން ކުރިކަމުގެ މައުލޫމާތު ލިބިގެން އޮޕަރޭޝަން ފެށި ކަމަށް ބުނެފައެވެ.

ހައްޔަރުކޮށްފައިވާ މީހުން ނިސްބަތްވަނީ ލަންކާގެ މަންނާރުގެ އިތުރުން ކިންނިޔާ އަދި ޗައިނާ ބޭ އޭރިއާ ސަރަހައްދަށް ކަމަށް އޮފިޝަލުން ބުނެއެވެ.

ލަންކާގެ ނޭވީ އިން ވަނީ ހައްޔަރު ކުރި މީހުން މުއްލައިތިވުގެ އެސިސްޓެންޓް ޑައިރެކްޓޮރޭޓު އޮފް ފިޝަރީސްއާ ހަވާލުކޮށްފައެވެ. ތަހުގީގަށްފަހު ހައްޔަރު ކުރި މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ނިންމާފައިވެއެވެ.