މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް ހަތަރު ރުފިޔާ ބަހަން ފާހެއް ނުވިއެވެ.

ކުރުނބާ މޯލްޑިވްސްގައި މިރޭ ބޭއްވި އެމްޓީސީސީގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ، މޫނުމަތީގެ އަގުން ފަސް ރުފިޔާގެ ހިއްސާއަކަށް ހަތަރު ރުފިޔާ ބަހަން ހުށަހެޅިއެވެ.

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން އެ ހުށަހެޅުމާ ދެކޮޅަށް 61 ހިއްސާދާރުން ވޯޓު ދިނެވެ. އެއްކޮޅަށް ވޯޓު ދީފައިވަނީ 54 ހިއްސާދާރުންނެވެ. އެހެންކަމުން އަގުލަބިއްޔަތުން ނިމުނީ އެ ހުށަހެޅުން ފާސް ނުކުރުމަށެވެ.

މި އަހަރު އެމްޓީސީސީގެ ބޯޑުން ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ހުށަހެޅި އަދަދަކީ އެ ކުންފުނީގެ ތާރީހުގައި ވެސް ބަހަން ފާސްކުރި އެންމެ މަތީ އަދަދެވެ.

އެމްޓީސީސީން މިރޭގެ ޖަލްސާގައި ވަނީ ކުންފުނީގެ ހިންގާ ގަވައިދަށް ހުށަހެޅި އިސްލާހު ވެސް ފާސްކޮށްފައެވެ. އެ އިސްލާހަކީ އެމްޓީސީސީގެ ހިއްސާ ގަތުން ލިމިޓްކުރާ މާއްދާ އުވާލާ އިސްލާހެވެ.

އެ އިސްލާހުގައި ބަޔާންކޮށްފައިވަނީ "ސީދާ ގޮތުން އަދި ނުސީދާގޮތުން ވިޔަސް، އަމިއްލަ ފަރުދަކަށް ނުވަތަ އަމިއްލަ ފަރުދެއް ހިއްސާވާ ގާނޫނީ ޝަހުސަކަށް، އެންމެ ގިނަވެގެން މިލްކުކުރެވޭނީ ކުންފުނީގެ ހިއްސާގެ ރައުސްމާލުގެ ފަހެއް އިންސައްތަ" ކަމަށެވެ. މީގެ އިތުރުން އެމްޓީސީސީގެ ހިއްސާ ސަރުކާރު އެހެން ކުންފުނިތަކަށް ނުގަނެވޭނެ ކަމަށް ބުނާ މާއްދާވެސް އުވާލުމަށް ވެސް މިރޭ ވަނީ ފާސްކޮށްފައެވެ.

އެ މާއްދާގައި ބަޔާންކޮށްފައިވަނީ "އެއްވެސް ހިނދަކު އަމިއްލަ ފަރުދުންނަށް ދޫކޮށްފައިވާ އަދި ކުރިމަގުގައި ދޫކުރެވޭ މި ކުންފުނީގެ ހިއްސާގެ ތެރެއިން އެއްވެސް މިންވަރެއް، ސަރުކާރުގެ ކުންފުންޏަކުން ނުވަތަ ސަރުކާރުގެ ބާރުގެ ދަށުގައިވާ (ސަރުކާރުގެ މަދުވެގެން %51 ހިއްސާ އެކުލެވޭ) ގާނޫނީ ޝަހުޝެއްގެ ނަމުގައި ވިޔަސް އޮވެގެން ނުވާނެ" ކަމަށެވެ.