ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު "ވަން" އަށް ވިދާޅުވީ ރައީސް ސޯލިހު، ނުރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ސިންގަޕޫރަށް ފުރާވަޑައިގެންފައިވާ ކަމަށެވެ. މި ދަތުރުފުޅަކީ ބޭސްފަރުވާއަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ރައީސް އެ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.

ރައީސް ވަނީ މިއަހަރުގެ ކުރީކޮޅު، ފެބްރުއަރީ މަހުވެސް ސިންގަޕޫރަށް ވަޑައިގެންފައެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފައެވެ.

އެގޮތުން ރައީސްގެ ދެކަނބަލުން އެންމެ ފުރަތަމަ ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. އެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންނެވީ އެމަހުގެ 15 ވަނަ ދުވަހުއެވެ.

އެއަށްފަހު އެމަހުގެ 23 ވަނަ ދުވަހު ވަނީ ޑޮކްޓަރުގެ ލަފާގެ މަތިން ތައިރޮއިޑް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފައެވެ. ތައިރޮއިޑް އޮޕަރޭޝަން ކުރެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންނެވީ 15 ދުވަސް ފަހުން، މާޗް ހަވަނަ ދުވަހުއެވެ.