ބްރިކްސްގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓް ދެކުނު އެފްރިކާގައި މިއަހަރު އޮގަސްޓްމަހުގެ ތޭވީސްވަނަ ދުވަހު ފަށާނެއެވެ. މި ސަމިޓުގައި ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ބައިވެރިވެވަޑައިގަންނަވާނެއެވެ. ސަމިޓް ބާއްވާ ގައުމުގެ ހައިސިއްޔަތުން ދެކުނު އެފްރިކާގެ ސަރުކާރުން ވަނީ ރައީސް ޕުޓިންއަށް ރަސްމީގޮތުން ސަމިޓުގެ ދައުވަތުވެސް އަރުވައިފައެވެ. ދެކުނު އެފްރިކާއަށް ރައީސް ޕުޓިން ވަޑައިގަންނަވާނެކަން މޮސްކޯއިންވެސް ވަނީ ޔަގީންކޮށްދީފައެވެ. މިހިސާބުން އުފެދެނީ ވަރަށް ބޮޑު ސުވާލެކެވެ. އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް، އައިސީސީން ވަނީ ރައީސް ޕުޓިން ހައްޔަރުކުރުމުގެ އަމުރެއް މިއަހަރުގެ މާޗް ސަތާރަވަނަ ދުވަހު ނެރެފައެވެ. ދެކުނު އެފްރިކާއަކީ އައިސީސީ ވުޖޫދުކުރުމާ ގުޅޭ ރޯމް މުއާހަދާގައި 17 ޖުލައި 1998 ގައި ސޮއިކޮށްފައިވާ ގައުމެކެވެ.

އައިސީސީން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަކީ ނުވަތަ އެއަށް ތަބާވުމަކީ މިދެންނެވި ސަބަބަށްޓަކައި ދެކުނު އެފްރިކާގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ. ދެކުނު އެފްރިކާ އެކަންޏެއް ނޫނެވެ. ރޯމް މުއާހަދާގައި ސޮއިކޮށްފައިވާ 123 ގައުމުންކުރެ ކޮންމެ ގައުމަކަށް ޕުޓިން ވަޑައިގެންނެވިކަމަށްވިޔަސް އޭނާ ހައްޔަރުކުރަން އެ ގައުމެއްގެ މައްޗަށް ލާޒިމުވާނެއެވެ. އެހެންވީމާ ބޮޑު ސުވާލަކީ މިއެވެ. ދެކުނު އެފްރިކާއަށް ވަޑައިގެންފިއްޔާ އެގައުމުން ރައީސް ޕުޓިން ހައްޔަރުކޮށް އައިސީސީއާ ހަވާލުކޮށްފާނެ ބާވައެވެ. ކެރޭނެ ބާވައެވެ. އައިސީސީގެ މަރުކަޒު ގާއިމުވެގެންވާ ތަނަކީ ހޮލެންޑެވެ. ހޮލެންޑުގެ ދަ ހޭގެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި އެއީ ނުވާނޭ ކަމެކެވެ. ނުކުރެވޭނޭ ކަމެކެވެ. ޕުޓިން ހައްޔަރުކުރުމަށްވުރެ ރޯމް މުއާހަދާއިން ދެކުނު އެފްރިކާ ވަކިވުމަކީވެސް މާކައިރި ކަމެކެވެ.

ދެކުނު އެފްރިކާއިން ވަނީ އައިސީސީގެ އިންސާފުވެރިކަމާމެދު ސުވާލު އުފައްދައި ކިތަންމެ ފަހަރަކު ވާހަކަވެސް ދައްކައިފައެވެ. ހުސްވި މެއިމަހުގެ ތެރޭގައި ދެކުނު އެފްރިކާގެ ޖަސްޓިސް މިނިސްޓަރު ރޮނަލްޑް ލަމޯލާ ވިދާޅުވެފައިވެއެވެ. އައިސީސީއަކީ ބަހާއި އަމަލު ދިމާކުރަން ދަންނަ މުއައްސަސާއެއް ނޫނެވެ. ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހުރިހާ ބާވަތެއްގެ އުދުވާން ހިންގާތާ ބައިގަރުނަށްވުރެ ގިނަދުވަސްވެއްޖެއެވެ. އެ މަންޒަރު އައިސީސީއަކަށް ނުފެނެއެވެ. ބަލަންވެސް ބޭނުމެއް ނުވެއެވެ. މާފަހަކުން ޔުކްރޭނުގައި އުފަންވި މައްސަލައެއް ނަގައިގެން ތަހުގީގެއް ހިންގައި މުއާހަދާގައި ސޮއިވެސްކޮށްފައިނުވާ ގައުމެއްގެ ވެރިޔަކު ހައްޔަރުކުރަން އަމުރު ނެރުމަކީ އައިސީސީގެ ބޭއިންސާފުކަން އެންމެނަށްވެސް އެނގި ހާމަވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޕުޓިން ހައްޔަރުކުރުމުގެ އަމުރެއް އައިސީސީން ނެރުނީ ޔުކްރޭނުގައި ރަޝިޔާ ސިފައިން ހިންގާކަމަށް ތުހުމަތު ކުރެވޭ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކަށް ޒިންމާވާންޖެހޭ ފަރާތަކީ އެއީ ކަމަށް ބުނެފައެވެ. ޚާއްސަގޮތެއްގައި ޔުކްރޭނުގެ ކުޑަކުދިންތަކެއް ރަޝިޔާއަށް ގެންދިޔަކަމަށް ބުނެވޭ މައްސަލައެއްގެ ތުހުމަތުގައެވެ. ޕުޓިންގެ އަމުރަށް ރަޝިޔާ ސިފައިން ޔުކްރޭނަށް އަރައިގަތީ ހުސްވި 2022 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ. ރަޝިޔާއަކީ އައިސީސީގެ މެންބަރެއް ނޫނެވެ. ރޯމް މުއާހަދާގައި ސޮއިކޮށްފައިވާ ގައުމެއްވެސް ނޫނެވެ. އެގޮތުން އައިސީސީގެ ނިންމުންތަކަށް ބޯލަނބަން ޖެހޭ ގައުމެއްވެސް ނޫނެވެ. އެކަމަކު ޔުކްރޭނަކީ އައިސީސީގެ މެންބަރު ގައުމެކެވެ. އެހެންވީމާ މި ތަހުގީގަކީ އައިސީސީއަށް ހިންގޭނެ ތަހުގީގެއް ކަމަށް އެއިދާރާއިން ގަބޫލުކުރެއެވެ.

ދުނިޔޭގެ އެންމެ ބޮޑެތި އެންމެ ބާރުގަދަ ބައެއް ގައުމުތަކުން ރޯމް މުއާހަދާގައި ސޮޔެއް ނުކުރެއެވެ. އައިސީސީގެ ގާނޫނީ ހައިސިއްޔަތުވެސް ގަބޫލެއް ނުކުރެއެވެ. އޭގެތެރޭގައި އެމެރިކާ، ޗައިނާ، އިންޑިޔާ އަދި ރަޝިޔާ ހިމެނެއެވެ. އައިސީސީއަކީ ކެންގަރޫ ކޯޓެއް ކަމަށް އެމެރިކާއިން ސިފަކުރިތާ އަދި މާގިނަދުވަސްތަކެއްވެސް ނުވެއެވެ. އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހިންގި ޖަރީމާތައް އައިސީސީން ތަހުގީގު ކުރަންފެށީމާ އައްދެ އައްދޭ، ތިޔައީ ކެންގަރޫ ކޯޓެކޭ، އަހަރެމެން ބަލައިގަންނަ ތަނެއްވެސް ނޫނޭ ބުނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާބެހޭ ތަހުގީގެއް ހިންގެވިކަމަށްޓަކައި އައިސީސީގެ ޕްރޮސިކިއުޓަރެއް ކަމަށްވާ ފަތޫ ބިންސޫދާއާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅުތަކެއްވެސް އެޅިއެވެ.

މިކަން މިމަގުންކޮށްފައި މިހާރު ރައީސް ޕުޓިން ހައްޔަރު ކުރުމުގެ އަމުރެއް އައިސީސީން ނެރުނީމާ އެއަށްވުރެ އިންސާފުވެރި ކޯޓެއް ނެތްކަމަށް އެމެރިކާއިން ކުއްލިއަކަށް ބުނަން ފަށައިފިއެވެ. މިކަންކަމުން އެނގި ކަށަވަރުވަނީ އައިސީސީއަކީ އެބަޔަކު ބޭނުންވީމާ ބޭނުންއިރަކު ޖަހަން ގެންގުޅޭ ސިޔާސީ އަދި ޑިޕްލޮމަސީގެ ބޯޅައެއް ކަމެވެ. މިބޯޅަ ދެކުނު އެފްރިކާއިންވެސް ޖަހާނީ އެގައުމު ބޭނުންވާ ގޮތަކަށެވެ. ރޯމް މުއާހަދާގައި ސޮއިކޮށްގެން ތިއްބަސް ދެކުނު އެފްރިކާއަށް ވަޑައިގަންނަވާ ބޭރު ގައުމުތަކުގެ ވެރިންގެ އިމްތިޔާޒުތަކަށް ރައްކައުތެރިވެ އެބޭފުޅުންގެ ސަލާމަތަށް ޖާމިނުވުމަކީ ދެކުނު އެފްރިކާއަށް ލާޒިމު ކަމެކެވެ. ވީމާ ރައީސް ޕުޓިން ހައްޔަރުކޮށް އައިސީސީއާ ހަވާލުކުރުމަކީ ދެކުނު އެފްރިކާއިން އެއްވެސް ހާލެއްގައި ކުރާނޭ ކަމެއް ނޫނެވެ. އަދި ކުރަން ބޭނުންވިޔަސް ކުރެވޭނޭ ކަމެއްވެސް ނޫންމެއެވެ.