މި މަހުގެ 15-18 އަށް އިންޑިއާގެ ބުބަނޭޝްވަރުގައި ކުރިއަށްދާ އިންޑިއާގެ 62 ވަނަ ނެޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރަން ދިވެހި ފަސް ދުވުންތެރިން ފޮނުވަން އެތުލެޓިކްސް އެސޯސިއޭޝަނުން ނިންމައިފިއެވެ.
މާދަމާ ފަށާ މުބާރާތުގައި ރާއްޖެއިން ވާދަކުރާ ދުވުންތެރިންނަކީ ހަސަން ސާއިދު، އަހުމަދު ނަޖުދާން އަބްދުﷲ، ހުސެއިން ރިޒާ، ހުސެއިން ފަޒީލް ހާރޫން، އަދި ޒިވާ މޫސާ ޝަފީއެވެ. އެ ދުވުންތެރިންނަކީ މިހާރުވެސް އިންޑިއާގައި ތަމްރީނު ހަދަމުންދާ ދުވުންތެރިންނެވެ. އިންޑިއާގައި ދުވުންތެރިން ތަމްރީނު ހަދަމުން ދަނީ ކުރިއަށް އޮތް އައިއޯއައިޖީގެ ނަތީޖާވެސް ރަނގަޅު ކުރުމަށް ވިސްނައިގެންނެވެ.
އިންޑިއާގައި މީގެ ކުރިން އޮތް ސްޓޭޓް ލެވެލްގެ މުބާރާތްތަކުގައިވެސް ރާއްޖޭގެ އެތުލީޓުން ވާދަކޮށްފައިވާ އިރު، އެ މުބާރާތްތައް ވެގެންދަނީ ފެންވަރު ރަނގަޅު މުބާރާތްތަކަކަށެވެ. ހާއްސަކޮށް އެންމެފަހުން ބޭއްވި ބައެއް ސްޓޭޓްތަކުގެ ގްރޯން ޕްރީ މުބާރާތްތަކުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު މެޑަލް ހޯދާފައިވެސް ވެއެވެ.
މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަންކަން އޮތް ގޮތުން، އިދިކޮޅު ފަރާތްތަކުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމަށް ފާޑު ކިޔަމުންދާ އިރު، އިންޑިއާ ސްޓޭޓް މުބާރާތްތަކުގައި ރާއްޖޭގެ އެތުލީޓުން ދުވާތީ އެކަމަށްވެސް ބައެއް ފަރާތްތަކުން ފާޑު ކިޔާފައިވެއެވެ.
އެހެން ނަމަވެސް، އެއީ ކުރިން ފެށިގެންވެސް ދޭދޭ ގައުމުތަކުގައި ކުރަމުންނަ އަންނަ ކަމެއް ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުގެ ފަރާތުން ވަނީ ބުނެފައެވެ.
އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުމްތަގިމް (މުންތޭ) މިއަދު "ވަން" އަށް ވިދާޅުވީ އިންޑިއާގެ މުބާރާތްތަކުގައި ރާއްޖޭގެ އިތުރުން ސަރަހައްދީ އެހެން ގައުމުތަކުންވެސް ވާދަކުރަމުން އަންނަ ކަމަށާއި އެ ލިބޭ ފުރުސަތުތަކަކީ ގައުމުތަކުގެ މެދުގައި އޮންނަ އެތުލެޓިކްސް ކުރިއެރުވުމުގެ ވިސްނުމެއްގެ ދަށުން އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ.
"ފުރަތަމަ ކަމަކީ އިންޑިއާ އިންޓަ ސްޓޭޓްގައި ރާއްޖޭ ބައިވެރިވާ ފުރަތަމަ ފަހަރެއް ނޫން މިއީ. 1990 ގެ އަހަރުތަކުން ފެށިގެން އިންޑިއާގެ އެކިއެކި މުބާރާތްތަކުގައި ބައިވެރިވަމުން ދިޔައީ. ސަރަހައްދީ އެހެން ގައުމުތަކުގެ މުބާރާތްތަކުގައިވެސް، އަދި އެހެން ގައުމުތަކުން އިންޑިއާގެ މުބާރާތްތަކުގައިވެސް ބައިވެރިވާނެ. މި ސީރީސްގެ އިތުރު ތިން މުބާރާތެއްގައި ބައިވެރިވެފައިވާނީ މިހާރު މިހާތަނަށްވެސް. މިފަހަރުގެ މުބާރާތުގައިވެސް ރާއްޖޭގެ އިތުރުން ލަންކާ އެތުލީޓުންވެސް ވާދަކުރޭ،" މުންތޭ ވިދާޅުވިއެވެ.
ރާއްޖޭގެ އެތުލީޓުން މީގެ ކުރިންވެސް އޭޝިއާ ގައުމުތަކުގައި ތަމްރީނުތައް ކުރަމުންދާ އިރު، އެތުލެޓިކްސް އެސޯސިއޭޝަނުން އެދިގެން އެގައުމުތަކުގެ އިންޓަ ސްޓޭޓް މުބާރާތްތަކުގައި ވާދަކޮށްފައިވެއެވެ. އެގޮތުން މެލޭޝިއާ، ސިންގަޕޫރުގެ އިތުރުން ލަންކާ ފަދަ ގައުމުތަކުގެ މުބާރާތްތަކުގައިވެސް ދިވެހި އެތުލީޓުން ވަނީ ވާދަކޮށްފައެވެ.
"އެތުލެޓިކްސްއަށް ލިބޭ ފުރުސަތުތައް މަދުވުމުން ދޭދޭ ގައުމުތަކާއެކު ވާހަކަ ދައްކައި އެގައުމުތަކުގެ މުބާރާތްތަކުގައި ވާދަކުރުމަށް އަބަދުވެސް ދަނީ ފުރުސަތުތައް ހޯދައިދެމުން. މިހާރު އިންޑިއާގެ ޓްރެއިނިން ހަދަމުންދާ ދުވަސްތަކެއް ވުމުން އައިއޯއައިޖީއަށް ރަނގަޅަށް ތައްޔާރުވާން އިންޑިއާގައި ވާދަކޮށްލަން ލިބޭ ފުރުސަތުތައް އެތުލީޓުންނަށް ދަނީ ހޯދައިދެމުން. އިންޑިއާއަކީ އެތުލެޓިކްސްއަކީ ރާއްޖެއަށްވުރެ ރަނގަޅު ގައުމެއް. ތަޖުރިބާ ލިބޭނެ މުބާރާތްތަކެއް މިއީ،" މުންތޭ ފާހަގަކުރިއެވެ.
މީގެ ކުރިން އެހެން ވެރިކަމުގެ ދައުރުތަކުގައިވެސް ރާއްޖެއިން އިންޑިއާގެ ސްޓޭޓް މުބާރާތްތަކުގައިވެސް ވާދަކޮށްފައިވެއެވެ. އަދި އެ މުބާރާތްތަކުގައި ވާދަކޮށް ރާއްޖެއިން ރަނގަޅު ކުރިއެރުންތައްވެސް ހޯދާފައިވެއެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް