އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ފަސް އިދާރާއަކާ އެކު ސޮއިކޮށްފިއެވެ.

އިންތިހާބީ މަރުކަޒު (ދަރުބާރުގޭގައި) މިއަދު ބޭއްވި ރަސްމިއްޔާތުގައި އީސީން ސޮއިކޮށްފައި ވަނީ ފުލުހުންނާއި ސިވިލް ސާވިސް ކޮމިޝަނާއި ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ އިތުރުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއެކުގައެވެ.

އެ އެއްބަސްވުންތަކުގައި އިލެކްޝަން ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ. ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު މުހައްމަދު ހަމީދެވެ. ސިވިލް ސާވިސް ކޮމިޝަންގެ ފަރާތުން އެ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިފް ސޮއިކުރެއްވި އިރު، އެލްޖީއޭގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ޝަމްއޫން އާދަމެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިޝަތު ރަޝީދާއެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދެވެ.

އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ފުއާދު ވިދާޅުވީ، އެ އެއްބަސްވުންތަކުގެ ސަބަބުން އިންތިހާބުގެ ކަންކަން އޮމާންކަމާއި އިންސާފުވެރިކަމާއެކުގައި ކުރިއަށްގެންދިއުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

"އިންތިހާބުގެ ކަންކަމަށް ވަރަށް ބޮޑު ލުޔެއް މިކަމުން ލިބިގެންދާނެ" ފުއާދު ވިދާޅުވިއެވެ.

ފުއާދު އިތުރަށް ވިދާޅުވީ، މި އަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރު ކަމަށްވުމުން އުފެދޭ ސިޔާސީ ހަލަބޮލިވުންތަކަށް އެ އެއްބަސްވުންތަކުގެ ސަބަބުން ގުޅިގެން މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.